އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމުން، އެ ނޫހުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު (ހަސަނާ) ހަނު ހުރުމުގެ ހައްގުގެ ބޭނުންކޮށްފިއެވެ.
ޙަސަން ފުލުހަށް ހާޒިރުކުރީ އޭނާގެ ވަކީލު ސައްޔާޙް ޚަލީލާއެކު، މިއަދު ހެނދުނު 8:30 އަށެވެ.
އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސައްޔާޙް ވިދާޅުވީ، ޙަސަން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށް، ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި ކަމަށެވެ.
ޙަސަންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:
- މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް
- ޤަޛްފުގެ ކުށް
- ކުށެއް ކުރުމަށް އެދުމާއި ކުށެއް ކުރުމަށް ރޭވުން
ހަމަ މި ޑޮކިއުމެންޓްރީއާ ގުޅިގެން، އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާ މިއަދު މެންދުރުފަހު ފުލުހަށް ހާޒިރުވާން ވަނީ އަންގައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ޙަސަނާއި ފިޔާޒްގެ އިތުރުން، "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި ޢާއިޝަތު ޢީޝާ އަޝްރަފްގެ ޕާސްޕޯޓު ތިން މަސް ވަންދެން ވަނީ ހިފަހައްޓައިފައެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.