އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުސް އޮފީހަށް ހާޒިރުކޮށްފި

އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުސް އޮފީހަށް ވަންނަނީ:

އަދަދު ނޫހުން ޝާއިރުކުރި 'އައިޝާ' ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގަށް، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒު މޫސާ ފުލުހަށް ހާޒިރުކޮށްފިއެވެ. މީގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކޯޓު އަމުރެއްގެ ދަށުން މި ދެ ބޭފުޅުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. މި ތަހުގީގު އަވަސްކޮށްފައިވަނީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އެ ތުހުމަތުތައް ދޮގުކުރައްވައި ދައުވާކުރައްވާނެ ކަމަށް ވިދާޅުވި ހިސާބުންނެވެ. އަދި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

  • އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒު މޫސާ ފުލުހަށް ހާޒިރުކުރުން
  • ރައީސް ގަޒުފުކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓުން
  • ރައީސް މުއިއްޒު ތުހުމަތުތައް ދޮގުކުރައްވައި، މައްސަލައިގައި ދައުވާކުރައްވާނެ ކަމަށް ވިދާޅުވުން
  • ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ގިނަ އިލެކްޓްރޯނިކް ސާމާނުތަކެއް ގެންދިއުން

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު މިއަދު ހެނދުނު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ހަސަން ފުލުސް އޮފީހަށް ހާޒިރުވެފައިވަނީ އޭނާގެ ވަކީލާއެކު މިއަދު ހެނދުނު 08:30 ގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހަސަންއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، "2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް 'އާއިޝާ' މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ" ހާޒިރުވާން އަންގާ ކަމަށެވެ.

މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު މެންދުރު 02:30 އަށް ފުލުހަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ވެސް ފުލުހުންގެ ޗިޓު ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވަނީ "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުންނެވެ.

މި ތަހުގީގު އަވަސްކުރަން އަންގާފައިވަނީ އެ ޑޮކިއުމެންޓްރީގައި ރައީސަށް ކުރި ތުހުމަތުތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ހިސާބުންނެވެ. އެމަނިކުފާނު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދަދު ނޫހުން ދެއްކި މި ޑޮކިއުމެންޓްރީގައި ރައީސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މި ތަހުގީގުގެ ތެރެއިން ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފައެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، މިއީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައެކެވެ.

comment ކޮމެންޓް