ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައިފައިހުރި ފުޅިތަކަކާއެކު ހައްޔަރުކުރުމުން، އެއީ ރައްޓެއްސަކު ބުނެގެން ހަވާލުވި ތަކެތި ކަމަށް، ކްރިމިނަލް ކޯޓުގައި މީހަކު މިއަދު ބުނެފިއެވެ.
ބަނގުރާ ފުޅިތަކަކާއެކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހދ. ވައިކަރަދު އަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓު އަމުރުގައި ވަނީ، ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް އަޅައިފައިހުރި ހަ ފުޅިއެއް އެ މީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ފުލުހުންނަށް ފެނުނު ކަމަށެވެ.
ކޯޓުގައި އެ މީހާ ބުނީ އެއީ އޭނާގެ ރައްޓެއްސެއް ބުނެގެން ހަވާލުވި ތަކެތި ކަމަށް، ކޯޓު އަމުރުގައިވެއެވެ.
އެ މީހަކީ މީގެ ކުރިން އެއްވެސް ކުށެއްގައި ބަންދުކޮށްފައި ނުވާ މީހެއް ކަމަށް ވެސް އެ އަމުރުގައިވެއެވެ.
މި މައްސަލައިގައި ހަތް ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ މުއްދަތުގައި 16،852 ބަނގުރާ ފުޅި އަތުލައިފައިވެއެވެ.