ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއް އަމާޒުކޮށް އާންމުކުރި ވީޑިއޯ ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި އީޝާ އަޝްރަފްގެ ގާނޫނީ ވަކީލަކަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ހަމަޖައްސަވައިފިއެވެ.
މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ޖިނާއީ ތަޙުގީގެއްގެ ގޮތުގައި ކުރިއަށްގެންދާ މައްސަލައެކެވެ. އީޝާއަކީ ކުރިން ރައީސް އޮފީހާއި ބައެއް މިނިސްޓްރީތަކުގައި މަސައްކަތްކުރެއްވި މުވައްޒަފެކެވެ. އޭނާގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
މި މައްސަލައިގައި އީޝާގެ ފަރާތުން ގާނޫނީ އެހީތެރިކަން ހޯއްދެވުމަށް ޝަމީމާ ހަވާލުކުރެއްވިއިރު، މިއީ ސިޔާސީ އަދި މީޑިއާގެ ދާއިރާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ.
ފުލުހުން އަންނަނީ ރައީސް މުޢިއްޒަށް އަމާޒުކޮށް ހަދާފައިވާ ޑޮކިއުމަންޓްރީގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުގީގުކުރަމުންނެވެ. މި މައްސަލައިގައި އީޝާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާނެކަން ކަށަވަރުކޮށްދެއްވަމުން ޝަމީމް ވަނީ "ސަން"އަށް މަޢުލޫމާތު ދެއްވާފައެވެ.
ޝަމީމް "ސަން"އަށް ވިދާޅުވީ ދިފާއީ ވަކީލުންގެ އެންމެ ބޮޑު ޒިންމާއަކީ ކްލައިންޓަށް އިންސާފުވެރި ތަހުގީގެއް ކަށަވަރުކޮށް ދިނުން ކަމަށާއި މި މައްސަލައިގައި ވެސް މަސައްކަތް ކުރައްވާނީ އެގޮތުގެ މަތިން ކަމަށެވެ.
ޝަމީމަކީ ޖިނާއީ މައްސަލަތަކުގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ، އަދި ދައުލަތުގެ އެންމެ އިސް ގާނޫނީ ވަކީލުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މި ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 'އަދަދު' ނޫހުގެ އޮފީހަށް ވަދެފައެވެ. ފުލުހުން އެ އޮފީހަށް ވަދެ ހިންގި އޮޕަރޭޝަނުގައި، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ނޫސްވެރިކަމަށް ބޭނުންކުރާ އާލާތްތައް ވަނީ ތަޙުގީގުގެ ބޭނުމަށް ގެންގޮސްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތަޙުގީގަށް 'އަދަދު' ނޫހުގެ އެންމެ އިސް ދެ ވެރިންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ. އެގޮތުން، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ތިން މަސް ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދަދު ނޫހުގެ އޮފީހުން ތަކެތި ގެންދިއުމުގެ ސަބަބުން އެ ނޫހުގެ އާންމު މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ.
ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ވަތް މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ. ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީޑިއާގެ މައްސަލަތައް ބަލަން ކޮމިޝަނެއް އޮއްވައި ފުލުހުން މި މައްސަލައިގެ ތެރެއަށް މި ގޮތަށް ވަނުމަކީ މިނިވަން ނޫސްވެރިކަމަށް ވަކާލާތު ކުރާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.