ފުލުހުން އަދަދު ނޫސް ''ހުއްޓުވުމުން'' ކޮމިޝަން: ''ތަހުގީގީ މިންގަނޑުތައް ކަނޑައެޅުމުގެ ބާރެއް ނެތް''

މީޑިއާ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތު: ތަހުގީގަށް މައުލޫމާތު ހޯދުމަށް ފުލުހުން އަމަލުކުރަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނީ ބާރެއް ނެތް ކަމަށް ކޮމިޝަނުން ބުނެފައިވޭ ---- ފޮޓޯ/ މީޑިއާ ކޮމިޝަން

އޮންލައިން ނޫސް އަދަދުގެ އޮފީސް ފުލުހުން ބަލައިފާސްކޮށް، އެ ނޫހުގެ އިސްވެރިންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފުލުހުންގެ ތަހުގީގީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެންނުވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ނެރުނު ޑޮކިއުމަންޓްރީއަކާ ގުޅިގެންނެވެ.

  • އަދަދު ނޫހުގެ އޮފީސް ފުލުހުން ރޭ ބަލައިފާސްކޮށް، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ގެންގޮސްފި
  • ނޫހުގެ ސީއީއޯ އާއި މެނޭޖިން އެޑިޓަރުގެ ޕާސްޕޯޓު ހިފަހައްޓައި ފުލުހަށް ހާޒިރުވާން އަންގައިފި
  • މީޑިއާ ކޮމިޝަނުން ބުނީ ފުލުހުންގެ ތަހުގީގީ މިންގަނޑުތައް ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ނެތް ކަމަށް
  • މި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި ނޫސްވެރިން ވަނީ ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށްފައި

އޮންލައިން ނޫސް ''އަަދަދު''ގެ އޮފީސް ފުލުހުން ރޭ ބަލައިފާސްކުރި މައްސަލައިގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތް، މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި، ފުލުހުންގެ ތަހުގީގީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނީ ބާރެއް ނެތް ކަމަށް ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް މިދިޔަ މަހު އާންމުކުރި ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި އަދަދު ނޫސް ހިންގާ އޮފީހަށް ރޭ ފުލުހުން ވަނީ ވަދެފައެވެ. އަދި އެ ނޫހުގެ މަސައްކަތަށް ދަތިވާ ގޮތަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އޭގެ ފަހުން އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓް ހިފަހައްޓައި، ދެ މީހުން ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފައެވެ.

އެ ފިޔަވަޅުތައް އެޅިއިރު، މީޑިއާ ކޮމިޝަނުން ވަކި އެއްޗެކޭ ބުނެފައި ނުވާތީއާއި، ސުވާލު ކުރުމުން ވެސް ޖަވާބެއް ދީފައި ނުވާތީ ކޮމިޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

https://sun.mv/221233

އެ ފާޑުކިޔުންތައް އަމާޒުވި ފަހުން މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އެ ކޮމިޝަނަކީ ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ދެމެހެއްޓުމުގައި, ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އިދާރީ ގޮތުން ކަނޑައަޅަން ޖެހޭ މިންގަނޑުތައް ތަންފީޒުކުރުމަށް ގާނޫނުން މަތިކޮށްފައިވާ އިދާރާއެއް ކަމަށެވެ.

ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައިވާ ނުވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން އަދަދުގެ އޮފީސް ކުރިމަތީގައި: ފުލުހުން ވަނީ އަަދަދުގެ އޮފީސް ބަލައިފާސްކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު

ނަމަވެސް، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި، ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި އެކަން ކުރާނެކަން ކޮމިޝަނުން ފާހަގަކުރިއެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އޮތް މީޑިއާ ކޮމިޝަނަކީ ރާއްޖޭގައި މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި މީގެ ކުރިން އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު، މި ސަރުކާރުގައި އުފެއްދި ކޮމިޝަނެކެވެ. އެ ކޮމިޝަން ވުޖޫދުކޮށްފައިވަނީ، ނޫސްވެރިންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި ގާނޫނެއް ފާސްކޮށްގެންނެވެ.

comment ކޮމެންޓް