ފުލުހުން ނޫހެއް "ހުއްޓުވުން": މީޑިއާގެ ބެލެނިވެރިޔާ ފެއިލްވުން!

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގައި ނޫސްވެރިކަމުގެ މިނިވަންކަމަކީ އަސާސީ ޙައްޤެކެވެ. ނަމަވެސް، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ، ތަކެތި ގެންގޮސް، އިސްވެރިންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައި މީޑިއާތައް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ހަނު އޮތުމަކީ އެ ކޮމިޝަން ފެއިލްވުންކަމަށް ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. މީޑިއާތަކުގެ މައްސަލަތައް ބަލަންވާނީ ބިރުދެއްކުމެއްނެތި، ޤާނޫނީ ގޮތުން އުފައްދާފައިވާ މުއައްސަސާތައް މެދުވެރިކޮށެވެ.

  • ފުލުހުން އަދަދު ނޫހަށް ވަދެ އިލެކްޓްރޯނިކް ސާމާނު ގެންގޮސް އިސްވެރިންގެ ޕާސްޕޯޓު ހިފެހެއްޓުން.
  • މި ހާދިސާއާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެއްވެސް ފިޔަވަޅެއް ނާޅައި ހަނުހުރުން.
  • ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރާއިރު، ކޮމިޝަނުން އެކަށީގެންވާ ނަތީޖާއެއް ނުނެރުން.
  • މީޑިއާތަކުގެ މައްސަލަތައް ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން ހައްލުކުރުމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ ޚިލާފު ކަމެއްކަން.

މިއީ 2026 ވަނަ އަހަރެވެ. ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް މުޖުތަމަޢެކެވެ. ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކިތަންމެ ވަރަކަށް ދިފާޢުކުރަން އުޅުނަސް، ދިފާޢު ނުކުރެވޭނެ ބައެއް ކަންކަން ހުންނާނެއެވެ. ޑިމޮކްރެސީއެއްގައި ނޫސްވެރިކަމުގެ މިނިވަންކަމަކީ އެންމެ އަސާސީ އެއް ޙައްޤެވެ. ނަމަވެސް، ފުލުހުން މީޑިއާއެއްގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި ތަކެތި ގެންގޮސް، ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން ނޫހެއްގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓުވުމަކީ އެއްވެސް ހަމަޔަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އަބުރާ ބެހުމާއި ދޮގު ހެދުމަކަށް ތާއީދެއް ނުކުރަމެވެ. އިއްޔެ އެކަން ކުރި މީހުން ވެސް މިއަދު އެކަން އެބަ ގޯސް ކުރެއެވެ. ނޫސްވެރިން ވެސް އަދި އެހެން ބަޔަކު ވެސް އެފަދަ ކަމެއް ކުރާނަމަ އެކަން ބަލަންވާނެއެވެ. އެކަމަކު, އެކަން ކުރަންވާނީ ވަކި ހަމައެއްގެ ތެރެއިންނެވެ. ގަދަބާރު ދައްކައިގެން، ބިރުދައްކައިގެނެއް ނޫނެވެ. މީޑިއާތަކުގެ މައްސަލަތައް ބަލަންވާނީ އެކަން ބަލަން ޤާނޫނީ ގޮތުން އުފައްދާފައި ހުންނަ މުއައްސަސާތަކުންނެވެ.

އަދަދު ނޫހަށް ފުލުހުން ވަނުމާއި ކޮމިޝަނުން ހަނުހުރުން

މިދިޔަ މާރިޗު މަހު "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން، ރޭ ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ވަދެ ފާސްކޮށްފައެވެ. ނޫހުގެ މަސައްކަތަށް ދަތިވާ ގޮތަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މީގެ އިތުރުން، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. އިމިގްރޭޝަންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވަނީ ޕާސްޕޯޓް ހިފެހެއްޓީ ތަޙުޤީޤު ކުރިއަށްދާތީ ކަމަށެވެ.

https://sun.mv/221217

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ ސަރުކާރުން ރަތް ރޮނގު ހުރަސްކޮށްފިކަމަށް ބުނެ، ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލާފައެވެ. ނަމަވެސް، ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ފުލުހުންގެ މި ޢަމަލު ދިފާޢުކުރައްވައި ވާހަކަދައްކަވާފައެވެ.

މިހާ ހިސާބަށް ކަންކަން ގޮސްފައިވާއިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އޮތީ ހަނެވެ. ނޫސްވެރިންގެ ދިފާޢުގައި އިސްވެ އެއްޗެއް ނުބުނާތަނުގައި، ނޫސްވެރިން އެ ކޮމިޝަނުގެ ރައީސަށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. މިއީ ވަރަށް ދެރަ، އަދި ކަންބޮޑުވާންޖެހޭ ކަމެކެވެ.

މީޑިއާއަކުން ނުވަތަ ނޫސްވެރިން ގޯހެއް ހަދާނަމަ އެކަން ބަލަންވީއެވެ. ނަމަވެސް، ހަމަ އެއާއެކު ނޫސްވެރިންނާއި މީޑިއާތަކާމެދު ނާއިންސާފުން ކަމެއް ހިނގާނަމަ، އެކަމާ ދެކޮޅަށް އަޑުއުފުލައި، މީޑިއާތަކަށް ޙިމާޔަތް ހޯދައިދިނުމަށް މީޑިއާ ކޮމިޝަނުން މަސައްކަތް ކޮށްދޭން ޖެހޭނެއެވެ.

މިލިއަނުން ޚަރަދުކުރާއިރު ނަތީޖާއެއް ނެތް

ރާއްޖޭގައި މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި މާސިންގާ ކޮމިޝަނެއް އުފައްދާފައި އެބައޮތެވެ. މީގެ ކުރިން ރާއްޖޭގައި ބްރޯޑްކާސްޓިން ކޮމިޝަނަކާއި މީޑިއާ ކައުންސިލެއް ވަކިން ހިންގިއެވެ. ނަމަވެސް, މިހާރު އެ ދެ މުއައްސަސާ އެއްކޮށްލައިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އެބަހިންގައެވެ. މި ކޮމިޝަން ހިންގުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ޚަރަދު ކުރެއެވެ.

މީޑިއާ ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން: ކޮމިޝަނުން އަދަދު ނޫހުގެ މައްސަލައިގައި އެއްޗެއް ނުބުނޭ --- ފޮޓޯ/ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން

އެ ތަންތަނުގެ ވެރިންނަށް އިންތިހާއަށް ބޮޑު މުސާރައާއި އިނާޔަތްތައް ދެއެވެ. އެކަމަކު, އެތަންތަން ހިނގަންވާ ގޮތަށް ހިނގާ ތަނެއް ނުފެނެއެވެ. ނަތީޖާއެއް ނުނެރެވެއެވެ. ފުލުހުން ގޮސް އަދަދު ނޫހުގެ އޮފީހަށް ވަދެގަތުމުން، އެކަން ހުއްޓުވުމަށް ނުވަތަ އެކަމުގައި ކަންހިނގާފައިވާ ގޮތް ބަލައި ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކޮމިޝަނުން ކުރި އެއްވެސް މަސައްކަތެއް ނެތެވެ.

މުއައްސަސާތައް އުފައްދައި، ބޮޑެތި ބަޖެޓުތައް ފާސްކުރަނީ ހަމައެކަނި ނަންބޯޑެއް އަޅުވައިގެން ތިބޭކަށެއް ނޫނެވެ. ނަމަވެސް, މިއަދު ފެންނަމުންދަނީ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހިންގާ ކޮމިޝަން، ނުފޫޒުގެ ދަށުވެގެން ނަމަވެސް ނުވަތަ އެ ނޫން ގޮތަކުން ނަމަވެސް ފަންކްޝަން ނުވާ ތަނެވެ.

ފިޔަވަޅު އެޅުން އެކަންޏެއް ނޫން، ތަރައްގީކުރުމުގެ ޒިންމާ ވެސް

ޤާނޫނުން މީޑިއާ ކޮމިޝަނަށް ލާޒިމުކުރަނީ ހަމައެކަނި މީޑިއާތަކަށް ފިޔަވަޅު އެޅުން އެކަންޏެއް ނޫނެވެ. މީޑިއާތަކާއި ނޫސްވެރިންގެ ތަރައްޤީއަށް މަސައްކަތް ކުރުން ވެސް އެ ކޮމިޝަނަށް ލާޒިމެވެ. އިއްޔެ ވެސް އަދި މިއަދު ވެސް ބައެއް މީޑިއާތަކާއި ބައެއް ނޫސްވެރިން ގޯސްތައް ހަދައެވެ. ޚަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ އަޚުލާޤީ މިންގަނޑުތަކާ ޚިލާފުވެވޭ ފަހަރު އާދެއެވެ. އެކަމަކު ސުވާލަކީ، އެ ގޯސްތައް ރަނގަޅުކުރަން މީޑިއާގެ ބެލެނިވެރި ކޮމިޝަނުން ކުރީ އެކަށީގެންވާ ކޮން މަސައްކަތެއްތޯއެވެ؟

ނޫސްވެރިންނަށް އެކަށީގެންވާ ތަމުރީނާއި ތަޖުރިބާ ހޯދައެއް ނުދެއެވެ. މައްސަލައެއް ދިމާވުމުން ނޫސްބަޔާނަކުން ގިނަ ކަންކަން ހިންދާލަނީއެވެ. ނުވަތަ އަދަދު ނޫހުގެ މައްސަލައިގައި ކަންތައް ކުރި ފަދައިން، އެއްވެސް އެއްޗެއް ނުބުނެ ހަނުތިބެނީއެވެ.

https://sun.mv/221196

މިއީ ޒިންމާ އަދާކުރުމެއް ނޫނެވެ. ނޫސްވެރިކަމުގެ ފެންވަރު މަތިކޮށް، ޒިންމާދާރު ނޫސްވެރިކަމެއް އާލާކުރުމަށްޓަކައި މެދުކެނޑުމެއްނެތި ތަމްރީނު ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މިހާތަނަށް އައިއިރު ވެސް ނޫސްވެރިންގެ ހުނަރު ތަރައްޤީކުރުމަށް އެކަށީގެންވާ ފެންވަރުގެ ޕްރޮގްރާމްތަކެއް ކޮމިޝަނުން ހިންގާފައެއް ނުވެއެވެ. މީޑިއާތަކަށް ދައުލަތުން ދޭ ފައިސާ ބެހުމުގެ އިދާރީ މަސައްކަތް ފިޔަވައި، ނޫސްވެރިކަމުގެ ފެންވަރު ރަނގަޅުކުރުމަށް އެއްވެސް ޢަމަލީ މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ ބީރައްޓެހި!

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައި މީޑިއާތައް ރެގިއުލޭޓް ކުރަނީ މުޅިން ތަފާތު ގޮތަކަށެވެ. އެ ގައުމުތަކުގައި މީޑިއާ ކޮމިޝަންތަކަކީ ސަރުކާރުގެ ނުފޫޒުން މިންޖުވެފައިވާ، މިނިވަން މުއައްސަސާތަކެކެވެ. މީޑިއާއަކުން ގޯހެއް ހަދައިފިނަމަ، ފުލުހުން ފޮނުވައިގެން ބިރުދައްކައި، އާލާތްތައް އަތުލުމުގެ ބަދަލުގައި، އެ މައްސަލައެއް ބަލަނީ މީޑިއާ ކައުންސިލް ނުވަތަ ކޮމިޝަން މެދުވެރިކޮށެވެ.

ޖޫރިމަނާ ކުރުމާއި، މަޢާފަށް އެދެން އެންގުމާއި، ޚަބަރު އިޞްލާޙުކުރަން އެންގުން ފަދަ ފިޔަވަޅުތައް އަޅަނީ ޝަރުޢީ ނުވަތަ ރެގިއުލޭޓަރީ ނިޒާމުގެ ތެރެއިންނެވެ. އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި އޮފްކޮމްއިން މަސައްކަތްކުރާ ގޮތަށް ބަލާއިރު، އެތަންތަނުން އިސްކަންދެނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމާ އެކު، ޒިންމާދާރުކަން ކަށަވަރުކުރުމަށެވެ. އެމެރިކާގައި ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)އިން ވެސް ޢަމަލުކުރަނީ މިފަދަ ހާމަކަން ބޮޑު އުސޫލުތަކެއްގެ މަތިންނެވެ.

ރާއްޖޭގައި މި ފެންނަނީ މީޑިއާ ކޮމިޝަން އޮއްވައި، ސީދާ ފުލުހުން މެދުވެރިކޮށް މީޑިއާތަކަށް ބާރު ފޯރުވާ މަންޒަރެވެ. މިއީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ މުޅިން ބީރައްޓެހި، ޚުދުމުޚުތާރު ސިފައެކެވެ.

ފުލުހުންގެ ބާރުން މީޑިއާ ހުއްޓުވުމަކީ ބޮޑު ގޯހެއް

ފުލުހުން މީޑިއާއަކަށް ވަދެ، އެތަނުގެ މަސައްކަތް ހުއްޓުވުމަކީ ކަނޑައެޅިގެން ގޯހެކެވެ. އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މީޑިއާތަކުން ކުރާ ކަންކަން ބަލަން ޖެހޭނީ މީޑިއާ ކޮމިޝަނުންނެވެ. އެކަން ކުރަން ޤާނޫނީ ގޮތުން މަތިކޮށްފައިވާ މުއައްސަސާއަކީ އެއީއެވެ. ނަމަވެސް، މިއަދު އެ ކޮމިޝަން ވަނީ ފެއިލްވެފައެވެ.

މިސާލަކަށް ރާއްޖޭގައި ވެސް ގާނޫނީ ވަކީލަކު ގޯހެއް ހެދުމުން، ފުލުހުން ވަދެގަނޭ ހެއްޔެވެ؟ އެ މައްސަލައެއް ބަލަނީ ބާ ކައުންސިލުންނެވެ. ފިޔަވަޅު އަޅާނީ ވެސް ބާ ކައުންސިލުންނެވެ. ހަމަ އެގޮތަށް، ޑޮކްޓަރެއްގެ މައްސަލައެއް ފެންމަތިވުމުން، ފުލުހުން ގޮސް ހޮސްޕިޓަލަށް ވަދޭ ހެއްޔެވެ؟ އެ މައްސަލައެއް ބަލަނީ މެޑިކަލް ކައުންސިލުންނެވެ.

https://sun.mv/221222

ކޮމިޝަން ފެއިލްވުމުގެ ސަބަބުން ނޫސްވެރިންނަށާއި މުޅި މުޖުތަމަޢަށް އެތައް ދެރައެއް ދަނީ ލިބެމުންނެވެ. ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި، ބިރުވެރިކަމެއްގެ ތެރޭގައި މަސައްކަތްކުރަން ވަނީ މަޖުބޫރުވެފައެވެ. ކޮމިޝަނުން މިކަމާ ދެކޮޅަށް ތެދުވެ، ފުލުހުންގެ ޢަމަލުތައް ކުށްވެރިކޮށް، ނޫސްވެރިންގެ ޙައްޤުގައި ވަކާލާތު ނުކުރާހާ ހިނދަކު، އެތަނަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދަކީ އިސްރާފެކެވެ.

އަދަދު ނޫހުގެ މައްސަލައިގައި ކޮމިޝަނުން އަޅާނެ ފިޔަވަޅަކީ ކޮބައިކަން ސާފުކޮށްދޭން ޖެހެއެވެ. ހަމައެކަނި މުސާރަ ނަގައިގެން، އޭރަކު އޮންނަ ސަރުކާރެއްގެ ރުހުން ހޯދަން ތިބޭނަމަ އެއީ ގޯހެކެވެ. މަގާމުގައި ތިބެންވާނީ، މުސާރަ ނަގަން ވާނީ ޒިންމާ އަދާކުރެވޭނަމައެވެ. އެހެން ނޫންނަމަ، މީޑިއާ ކޮމިޝަނަކީ ހަމައެކަނި ސިޔާސީ ހަތިޔާރެއްކަން ކަށަވަރުވެގެން ދާނެއެވެ.

comment ކޮމެންޓް