ނޫހަކަށް ފުލުހުން ވަދެ ރެއިޑް ކުރިއިރު މީޑިއާ ކޮމިޝަން ހަނު!

މީޑިއާ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތު --

އޮންލައިން ނޫހެއްކަމަށްވާ "އަދަދު"ގެ އޮފީސް ހިންގަމުން އަންނަ އިމާރާތުގެ ތެރެއަށް ކުއްލިއަކަށް ފުލުހުން ރޭ ވަދެ، ރެއިޑުކޮށް އެ ނޫހުގެ ތަކެތި ބަލައިފާސްކުރި މައްސަލައިގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެއްވެސް ބަހެއް ނުބުނެ ހަނު ތިބެއްޖެއެވެ.

"އަދަދު" ނޫހުން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން ރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފައެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ މީހަކު ދިން އިންޓަވިއުއަކަށް ބިނާކޮށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރުމުގެ އިތުރުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ވަނީ ހޯދާފައެވެ. ރޭ 22:11 ގައި ނެރެފައިވާ އެ ކޯޓު އަމުރުގައި ވަނީ، ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ހުރުން މުހިންމު ކަމަށް ފުލުހުންނަށް ފެންނާތީ ކަމަށެވެ.

https://sun.mv/221200

މި ކަމާ ގުޅިގެން މީޑިއާ ކޮމިޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން އެ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތުގެ ބަހެއް ހޯދުމަށް "ސަން" އިން ގުޅައި، މެސެޖުކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ ކަމެއް ހިނގައިފައިވާއިރު، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވަނީ މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް ނޫސްވެރިން ވަނީ ރޭ އެ ނޫހުގެ އޮފީސް ކުރިމަތީގައި އިހުތިޖާޖެއް ވެސް ކޮށްފައެވެ. މި ކަމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް