އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމުން ނަޝީދު: އަޅުގަނޑުމެންނާ ދިމާކުރަން ނަހައްދަވާތި!

ނަޝީދު: އަދަދު ނޫހުގެ މައްސަލައިގައި ނަޝީދު ވަނީ، ދިމާނުކުރުމަށް ގޮވާލައި އިންޒާރު ދެއްވައިފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށް އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ނޫހުގެ އޮފީސް ބަލައިފާސްކުރަން ފަށާފައެވެ. މި ހާދިސާއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ނުކުރުމަށް ސަރުކާރަށް ގޮވާލައްވައި، ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

  • ރައީސް މުއިއްޒަށް ތުހުމަތުކޮށް އަދަދު ނޫހުން ޑޮކިއުމެންޓަރީއެއް އާންމުކުރުން.
  • ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރަން ފެށުން.
  • މިކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ސަރުކާރަށް ހަރުކަށި އިންޒާރު ދެއްވުން.
  • ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ފަހަތަށް ނުޖެހޭނެކަން ހާމަކުރެއްވުން.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ޑޮކިއުމެންޓަރީއެއް ހަދައިފައިވާ އަދަދު ނޫހުގެ އޮފީހަށް ފުލުހުން މިރޭ ވަދެފައިވާ މައްސަލައިގައި، ކުރީގެ ރައީސް އަދި ނޫސްވެރިޔާ މުހައްމަދު ނަޝީދު ސަރުކާރަށް އިންޒާރެއް ދެއްވައިފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ވަނީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއް އާންމުކޮށްފައެވެ. އޭގެ ފަހުން، މިރޭ، އަދަދު ނޫހުން ވަނީ އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީސް ބަލައިފާސްކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ.

https://sun.mv/221196

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ނަޝީދު މިރޭ ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި އެ މަނިކުފާނު ވަނީ އެ މައްސަލައަށް އިޝާރާތްކުރައްވައިފައެވެ. އެގޮތުން، ފުލުހުން އަަދަދު ނޫހުގެ އޮފީހަށް ވަދެފައިވާކަން، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ދަންނަވަންތޯ! ނޯ! އަޅުގަނޑުމެންނާ ދިމާކުރަން ނަހައްދަވާތި، ވަޑައިގެން ތިޔަ ކަންތައްތައް ކުރައްވަން ނަހައްދަވާތި، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލަން ނުހައްދަވާތި، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ދާނީ ކުރިއަށް، ވަރަށް ބާރަށް ކުރިއަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ތެރެއިންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ޖަލުގައި އެތައް އަނިޔާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.



comment ކޮމެންޓް