އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއެއްގައި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމަށް ހަމަލާ ދޭން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިިމިނަލް ކޯޓަށް މިއަދު ވަނީ، މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައި ގ. އީރީ، އަބްދުﷲ މުއާޒް، 35އ، ހާޒިރުކޮށްފައެވެ.
އޭނާގެ ކޯޓު އަމުރުގައި ވަނީ، އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މުއާޒް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ހުށަހަޅައިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޭނާ ބުނެފައި ވަނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށާއި އޭނާއާ މެދު މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ. މުއާޒަކީ ހައްޔަރާއި ބަންދު ރެކޯޑު އޮތް މީހެއް ކަމަށް އަމުރުގައިވެއެވެ.
ރެކޯޑްތަކުން ދައްކާ ގޮތުން މުއާޒަކީ މީގެ ކުރިން، ވަޅި ޖެހުމުގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެކެވެ. އެއީ 2012 ވަނަ އަހަރު، ފްލެޓް ތެރޭގައި ވަޅި ޖެހި މައްސަލައެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމައި، އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާ ޓީވީން ލައިވްކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، އާޒިމްގެ ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމް މޭގައި ޖަހައި ކޮއްޕާލައެވެ. އެއާއެކު އާޒިމްގެ ކައިރީގައި ތިބި މީހުން އެ މީހާ ކޮއްޕައި ފަހަތަށް ޖައްސާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އެ ހާދިސާއާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ތުހުމަތުކުރެއްވި ގޮތުގައި އޭނާއަށް ހަމަލަދިނީ ސަރުކާރުން ދުރާލާ ރާވައިގެން ބަޔަކު ލައްވައެވެ. އަދި އޭނާ ވަނީ އެ ކަން ކުށްވެރިކުރައްވައިފައެވެ.
އާޒިމްގެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެއީ ސަރުކާރުން ކުރި ކަމެއް ކަމަށް މޭޔަރު ވިދާޅުވީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެފަދަ ތުހުމަތުތައް ކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް މުންދު ވިދާޅުވެފައިވެއެވެ.
މުންދުއާ ހަވާލާދީ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގިތާ އެތައް އިރެއްވީއިރު ވެސް އެމްޑީޕީގެ ފަރާތުން ނުވަތަ ސިޓީ ކައުންސިލުން ވެސް އެކަން ފުލުހަށް ރިޕޯޓުކޮށްފައި ނުވެއެވެ. ނަމަވެސް، މީސްމީޑިއާގައި ދައުރުވި ވީޑިއޯ ފެނުމާއެކު ފުލުހުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ.