ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދާއި ނައިބު ޞަލާޙް: އީސީން ވަނީ، ބައި-އިލެކްޝަންގައި ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފަ --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އިތުރުކޮށްފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސާބިތު ދަރަންޏެއް ގަވައިދުން ދައްކަމުން ނުދިއުމާ ގުޅިގެން، ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް، މި މަހުގެ 12ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.

ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިމަހު 13ވަނަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން، ބައި-އިލެކްޝަންގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނީ މި ހަފުތާގެ ބުދަ ދުވަހުގެ މެންދުރުފަހު ތިނެއް ޖަހަންދެނެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން، އެ މުއްދަތު ވަނީ މި ހަފުތާގެ ހޮނިހިރު ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށް އިތުރުކޮށްދީފައެވެ.

ބައި-އިލެކްޝަނަށް ކުރިމަތިލާ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައިވެއެވެ.

ގާނޫނު ބުނާގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފައިވަނީ، އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު، ހެނދުނު 8:00އިން ހަވީރު 4:00އަށެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުން، ޖޫން މަހުގެ އަށް ވަނަ ދުވަހެވެ.

ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން އައްޑޫ ހިތަދޫ، ވާދޫގެ، އަޙްމަދު ވަޙީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމަށެވެ.

https://sun.mv/220494

ސިނާންގެ ގޮނޑި ހުސްވީ، މި ސަރުކާރަށް ތާއިދު އޮތް މިންވަރު ދައްކުވައިދޭނެ އިންތިޚާބުތަކެއްގެ ގޮތުގައި ސިފަކޮށްފައިވާ ވޯޓުތަކެއް، މި މަހުގެ ހަތަރެއްގައި ބޭއްވި ފަހުންނެވެ. އެ ދުވަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ އިތުރުން، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ވޯޓެއް ނެގިއެވެ.

އެ ތިން ވޯޓުން ވެސް ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

https://sun.mv/220831

އައްޑޫ ހިތަދޫ އުތުރުގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރައްވަނީ ސިނާންގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ.

https://sun.mv/221094

އެމްޑީޕީން އައްޑޫ ހިތަދޫ އުތުރުގެ ޕްރައިމަރީއަށް ހުޅުވައިލިނަމަވެސް، އެ މުއްދަތުގައި ނަން ދެއްވީ ސޯބެ އެކަނި ކަމަށް ވުމުން، ސޯބެއަށް ވަނީ އެ ޕާޓީގެ ޓިކެޓު ކަށަވަރުވެފައެވެ. ސިނާނުގެ ޓިކެޓު ކަށަވަރުވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދާ ވާދަކުރައްވައި، ޕީއެންސީ ޕްރައިމަރީގައި ކުރިހޯއްދެވުމުންނެވެ.

comment ކޮމެންޓް