ދަރަނީގެ މައްސަލައިގައި ޕީއެންސީ މެންބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ

ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާތީ އޭނާގެ މަޖިލިސް ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިގެން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. މި މައްސަލައިގެ އަސްލަކީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން އިއްވި މި ހުކުމުގައި ފާހަގަކޮށްފައިވަނީ ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާކަމަށާއި، ކޯޓުގެ ހުކުމާ އެއްގޮތަށް ގަވައިދުން ފައިސާ ދައްކާފައިނުވާކަމަށެވެ.

  • ސުޕްރީމް ކޯޓުގެ ހުކުމުން ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ މަޖިލިސް ގޮނޑި ވަނީ ގެއްލިފައެވެ.
  • މިއީ 20 ވަނަ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިގެން ހުށަހެޅުނު ފުރަތަމަ މައްސަލައެވެ.
  • ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުންނެވެ.
  • މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދަރަނި ގަވައިދުން ދައްކާފައިނުވާކަން ކަނޑައަޅާފައެވެ.

އަޑު އެހުން ނިމުނުތާ، ނުވަ މަސް ފަހުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ޣާލިބު ސަލީމް ކިޔާ މީހެކެވެ.

ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ.

ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.

އެއާއެކު މި މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު އޮތް ހުކުމް އިއްވުމުގެ އަޑުއެހުމުގައި ނިންމައިފައިވަނީ ދަރަނި ސާބިތުވާ ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށެވެ.

މި މައްސަލައިގެ ހުކުމްގައި ޝުޖޫންގެ ރައުޔުގައި ފާހަގަކުރެއްވި މައިގަނޑު ކަންކަމަކީ:

  • ހިތަދޫ ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއްކަމަށް ކަނޑައަޅަން ސިނާންގެ ފަރާތުން ހުށަހަޅައިފައިނުވާތީ، އެއީ ޣައިރު ހާޒިރުގައި ކުރި ހުކުމެއްކަމަށް ބުނެ ސިނާންގެ ފަރާތުން ދައްކަވާ ވާހަކަ ބަލައިނުގަނެވޭކަން
  • ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާކަން
  • ހުކުމާ އެއްގޮތަށް ގަވައިދުން ސިނާން ދަރަންޏަށް ފައިސާ ދެއްކެވި ކަމަށް ދެކެވަޑައިނުގަންނަވާކަން
  • ސިނާންގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ފައިސާ ދެއްކުމުގެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކޮށްފައިނުވާތީ އެއީ ނިހާއީ ހުކުމެއްކަން.

  • ދަށު ކޯޓުގައި މައްސަލަ ހިނގިއިރު ވަކީލަކު އައްޔަންކޮށް ދިފާއުވާން ފުރުސަތު ލިބިފައިވާކަމާއި، ހުކުމް ކުރިކަން ސިނާނަށް އެނގޭކަން ލިޔެކިޔުންތަކުން ސާބިތުވާކަމަށް

  • ހަ މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު ފައިސާ ދެއްކުމަށް ހުކުމުގައި އޮތް ނަމަވެސް އެގޮތަށް އޭނާ އަމަލުކޮށްފައި ނުވާތީ، ތިންވަނަ މަހު އެއްކޮށް ފައިސާ ދެއްކުމަކީ ހުކުމާ އެއްގޮތަށް އަމަލުކުރުން ކަމުގައި ނުބެލެވޭނެ ކަމަށް

  • ލޯނަކީ ރަހުނު ހިމެނޭ އެއްޗަކަށް ވިޔަސް، ސާބިތު ދަރަންޏެއް އޮތް ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް

ޝުޖޫންގެ ރައުޔަށް ހުރިހާ ފަނޑިޔާރުން ވެސް ތާއީދުކުރައްވައިފައިވެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހީމް، ހުސެއިން ޝަހީދުގެ އިތުރުން މުހައްމަދު ސަލީމެވެ. މީގެ ތެރެއިން ސަލީމް އަދި ޝަހީދަކީ މި ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަންކުރި ދެ ފަނޑިޔާރުންނެވެ.

ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު، މިހާރު އެ އަދަދުން އެއް މެންބަރަކު އެ މަދުވީއެވެ.

https://sun.mv/220180

ގާނޫނު ބުނާގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނަގާފައިވާއިރު މިއީ އެ ޕާޓީއަށް އިތުރު މަޖިލިސް ގޮނޑިއެއް ހޯދަން ފުރުސަތު ބޮޑު އިންތިޚާބަކަށް ވުން ގާތެވެ.

ދެހާސް ބާރަވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމުން މުޙައްމަދު މުޞްޠަފާގެ ގޮނޑި ގެއްލުނީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ ސާބިތު ދަރަންޏެއްގެ ފައިސާ، ކޯޓު ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ ކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

މުޞްޠަފާ ބޭންކް އޮފް ކްރެޑިޓް ކޮމާޝަލް އިންޓަނޭޝަނަލް (ބީސީސީއައި) ބޭންކުން ނަގާފައިވާ ލޯނެއް އަނބުރާ ދެއްކުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެ، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އޭރުގެ އިދިކޮޅު ފަރާތްތަކުންނެވެ.

ފެބްރުއަރީ 20، 2012 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއްވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށެވެ.

comment ކޮމެންޓް