ހިތަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލީ ސޯބެ އެކަނި

އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިޤް: އެމްޑީޕީން ވަނީ، ބައި-އިލެކްޝަންގައި ސޯބެ ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅައިފައެވެ. މިގޮތަށް ނިންމާފައިވަނީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި އޭނާ ފިޔަވައި އިތުރު މީހަކު ކުރިމަތިލާފައި ނުވާތީއެވެ. މި ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު މި އިންތިޚާބު ބޭއްވުމަށް ނިންމައިފައެވެ.

  • ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބުނީ ޢަބްދުﷲ ޞާދިޤަށެވެ.
  • މި ގޮނޑި ހުސްވީ ކުރީގެ މެންބަރު ސިނާނުގެ ގޮނޑި ގެއްލުނުކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުންނެވެ.
  • މި ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.
  • މަގާމު ގެއްލުނު މެންބަރު ސިނާން ވެސް މި އިންތިޚާބުގައި ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަން ޕްރައިމަރީއަށް އިތުރު މެންބަރަކު ކުރިމަތިލައިފައި ނުވާތީ، އެ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާނީ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ކަމަށް، އެ ޕާޓީން އިއުލާނުކޮށްފިއެވެ.

އެމްޑީޕީން ވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދު މެންދުރު ދޭއް ޖެހުމާ ހަމައަށް، ބައި-އިލެކްޝަން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވައިލައިފައެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރެއްވީ، އެ ޕާޓީގެ ވެސް ހިތަދޫ އުތުރު ދާއިރާގެ ރައީސްކަން ކުރައްވާ ސޯބެއެވެ.

އެހެންކަމުން ސޯބެއަކީ އެ ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ކެންޑިޑޭޓުކަމަށް އެމްޑީޕީގެ އިއުލާނުގައިވެއެވެ.

އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ އެއްގޮތަށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާން (ސިނާ) ފައިސާ ދައްކަމުން ނުދިއުމާ ގުޅިގެން، ޣާލިބު ސަލީމް ނަމަކަށް ކިޔާ މީހަކު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގެ ހުކުމް މިދިޔަ އާދީއްތަ ދުވަހު އިއްވީ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ނުވަ މަސް ދުވަސް ފަހުންނެވެ. މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުން ވެސް ނިންމެވީ ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށެވެ.

https://sun.mv/220494

ސޯބެ ވަނީ ހުސްވެފައިވާ ހިތަދޫ އުތުރުގެ ގޮނޑިއަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ހުރިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައި، އެ ދާއިރާއަށް ވާދަކުރައްވާނެކަން އެ ދުވަހު ހާމަކުރައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސިނާން ވަނީ ގެއްލުނު ގޮނޑި އަނބުރާ ހޯދުމަށް ވާދަކުރައްވާނެކަން ހާމަކުރައްވައިފައެވެ.

ގާނޫނު ބުނާގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެއެވެ. އަދި, 60 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނުގައިވަނީ ބައި-އިލެކްޝަން ބާއްވާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު، ހެނދުނު 8:00އިން ހަވީރު 4:00އަށް ކަމަށެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުން، ޖޫން އަށް ވަނަ ދުވަހު ކަމަށް އިއުލާނުގައިވެއެވެ.

އެ ކޮމިޝަނުން ވަނީ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، އަންގާރަ ދުވަހުގެ ހެނދުނު 10:00އިން ފެށިގެން، މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައެވެ.

comment ކޮމެންޓް