ނައީމާ މެރުމުގެ ދައުވާކޮށްފައިވާ ފަވާޒްގެ ސިއްހީ ހާލަތަށް ބަލައި، ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ -- ފޮޓޯ/ ކިޔުންތެރިއެއް

ނ. މަނާދޫގައި އަނިޔާވެރިގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން ފަވާޒް، އޭނާގެ ޞިއްޙީ ހާލަތު ހުރި ގޮތުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ. މި ނިންމުމަކީ ޖަލު ބަންދުގައި ހުއްޓައި އޭނާއަށް އެކަށީގެންވާ ފަރުވާ ދިނުމަށް ހުރަސްތަކެއް ހުރުމުން، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި ޕީޖީ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެކެވެ. ބަންދުން ދޫކޮށްލިނަމަވެސް، ފަވާޒްގެ މައްޗަށް ވަނީ ހަރުކަށި ޝަރުތުތަކެއް ކަނޑައަޅައި، އެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އަލުން ޖަލަށް ބަދަލުކުރާނެ ކަމަށް އަންގާފައެވެ.

  • ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ފަވާޒްގެ މައްޗަށް މީހަކު މެރުމާއި، ޢަދުލުއިންސާފަށް ހުރަސްއެޅުމުގެ ދައުވާތައް ވަނީ އުފުލާފައި.
  • ޖަލު ބަންދުގައި ހުއްޓައި ޞިއްޙީ ހާލަތު ގޯސްވެ، އެކަށީގެންވާ ފަރުވާ ނުލިބޭތީ ކޯޓުން ވަނީ ބަންދަށް ލުއިދީފައި.
  • ބަންދުން ދޫކޮށްލިނަމަވެސް، ރޭގަނޑު ގޭގައި މަޑުކުރުމާއި، ކޮންމެ ދުވަހަކު ފުލުހަށް ރިޕޯޓު ކުރުން ފަދަ 7 ޝަރުތެއް ވަނީ ކަނޑައަޅާފައި.
  • ޝަރުތުތަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ އޮފީހުން ކަށަވަރުކޮށްދޭ.

ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، ނ. މަނާދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި އޭޕްރިލް 7، 2023ގައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ހަސަން ފަވާޒްގެ ސިއްހީ ހާލަތު ހުރި ގޮތުން، އޭނާ ޝަރުތުތަކާއެކު ޖަލު ބަންދުން މިއަދު ދޫކޮށްލައިފިއެވެ.

ނައީމާ މޫސާ އޭނާ ދިރިއުޅެމުން ދިޔަ ގޭގައި މަރާލާފައި އޮއްވާ ފެނުނީ، އޭނާގެ ޚަބަރެއް ނުވެގެން ފުލުހުން ގޮސް އެ ގޭ ދޮރު ވައްޓާލައިގެން އެތެރެއަށް ވަދެ ބެލުމުންނެވެ. ނައީމާ ފެނުނުއިރު އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ވަޅިން ހަމަލާދިނުމުން ފުން ޒަޚަމްތަކެއް ފެންނަން ހުއްޓެވެ.

އެ މައްސަލައިގައި ފަވާޒުގެ މައްޗަށް، ނޮވެންބަރު 30، 2023ގައި ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާކޮށްފައެވެ.

އެ މައްސަލައިގައި ފަވާޒްގެ އިތުރުން، މަނަދުއަށް ނިސްބަތްވާ އަހުޒަމް އަބްދުލްޝަކޫރާއި ޢަބްދުލްވާޙިދު ރިފާސްއަށް ވެސް ވަނީ އެ ދައުވާތައް ކޮށްފައެވެ.

https://sun.mv/175900

އެ މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ފަވާޒް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.

ޕީޖީ އޮފީހުން ބުނީ، ފަވާޒްގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ފަވާޒްގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ހައްސާސްކަމަށް ރިޢާޔަތްކޮށް، ގާނޫނުއަސާސީން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން، ޝަރުތުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް އެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ޝަރުތުތަކަކީ:

1. ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.

2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން.

3. ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.

4. ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ހާލަތް ފިޔަވައި އެނޫން ހުރިހާ ހާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.

5. މާލެއިން ބޭރަށް ނުދިއުން.

6. މައްސަލާގައި ހެކިބަސްދޭނެކަމަށް ގަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން.

7. ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު މި އޮފީހަށާއި، ކްރިމިނަލް ކޯޓާ ހިއްސާކުރަމުންދިއުން.

އެ ޝަރުތުތަކަށް ފަވާޒް އެއްބަސްވެފައިވާތީއާއި، އޭނާގެ ބަލި ހާލަތަށް ރިޢާޔަތްކޮށް، ޕީޖީ އޮފީހުން އެދިފައިވާގޮތަށް ގޮތަށް އޭނާ ޝަރުތުކޮށްފައި ބަންދުންދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންކަމުން، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި ފަވާޒްގެ މައްޗަށް ކޮށްފައިވާ ޝަރުތަކާ ޚިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް އެ އޮފީހުން ކޯޓުގައި އެދޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް