ދުވަސްވީ ނައީމާއަށް މިވަރު ކޮށްލީ ކީއްވެ؟

މަރާލާފައި އޮށްވައި ފެނުނު ނައީމާ އާއި އޭނާގެ ސަންދޯއް-- ސަން ގްރެފިކްސް

ނ. މަނަދޫން އަޙްމަދު ސާއިލް އަލީ

މިއަދު ހަވީރު 4:30 ވީއިރު ރަށުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ޖަމާވަމުން ދިޔައީ މި ރަށު ބޮޑު މިސްކިތަށެވެ. އިއްޔެ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މި ރަށު އަންނާރުމާގެ ނައީމާ މޫސާ، 62، ގެ ޖަނާޒާގައި ބައިވެރިވުމަށެވެ. އެ އެންމެންގެ މޫނު މަތިން ވެސް ފެންނަނީ މާޔޫސްކަމާއި ހިތްދަތިކަމެވެ. އޭގެން އެކަކަށް ވެސް ޖަވާބު ނުލިބޭ ސުވާލެއް އޮތީތީއެވެ. އުމުރުން ދުވަސްވެފައިވާ ނައީމާއަށް މިވަރު ކޮށްލަން ޖެހޭ ސަބަބެއް ބުނަން ހަމަ އެކަކަށް ވެސް ނޭނގޭތީއެވެ.

ނައީމާގެ ތިން ކުދިން ދިރިއުޅެނީ މި ރަށަކު ނޫނެވެ. މީގެ ކުރިން ކައިވެނިތަކެއް ކޮށްފައިވީ ނަމަވެސް އޭނާ އެކަނި ދިރިއުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. މަރުވިއިރު ފިރިއަކު ނެތެވެ. ކުރިން މާލޭގައި ދިރިއުޅުނުއިރު ޑިފެންސް މިނިސްޓްރީގެ މަސައްކަތު މީހަކަށް އުޅުނު ނައީމާ މި ރަށުގައި ކާންބޯން ކުރާ މަސައްކަތަކީ ރަށުތެރެ ކުނިކަހަން ދިއުމެވެ. މި ރަށު މީހުން ބުނާ ގޮތުގައި ނައީމާގެ ޚަބަރެއް ނުވެ ގެއްލުނީ މިދިޔަ ބުދަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ޚަބަރެއް ނުވާތީ އެކުގައި ކުނިކަހަން އުޅޭ މީހުންނާއި އޭނާ ދަންނަ އެހެން މީހުން ވެސް ކަމެއް ފާހަގަ ވެގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރިއެވެ.

ނައީމާ ހޯދަން ފުލުހުން ކުރި މަސައްކަތުގެ ތެރެއިން އިއްޔެ އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ވަނެވެ. ދޮރު ހަލާކު ކޮށްލައިގެން ފުލުހުން ވަންއިރު، ނައީމާގެ ހަށިގަނޑު ފެނުނީ އޭނާ އެކަނި ދިރިއުޅެމުން ދިޔަ ގޭގެ ކޮޓަރި ތެރޭގައި އޮއްވައެވެ. އޭނާ ކޮޓަރި ތެރެއަށް ވެއްޓިފައި އޮތްއިރު ގިނަ އަދަދެއްގެ ލޭ އެ ކޮޓަރި ތެރޭގައި ހުއްޓެވެ. މި މަރުގެ ޚަބަރާ އެކު ރަށުތެރޭގައި ފުރަތަމަ ޚަބަރު ފެތުރުނީ ގުދުރަތީ މަރެއް ކަމަށެވެ. ނަމަވެސް ފަހުން އެނގުނީ ބިރުވެރި ކަމެއް މި ކަމުގެ ފަހަތުގައި ވާކަމެވެ.

"ފުރަތަމަ ނުވެސް އެނގޭ މިވަރު ކަމެއް ކަމެއް. ފަހުން މި އެނގުނީ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައިކަން." މި ރަށު ޒުވާނަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުގައި ގިނަ ޒަޚަމްތަކެއް ހުއްޓެވެ. ކަރާއި ގައިގެ އެތައް މި ތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި ހުއްޓެވެ. އަދި މަރުވެފައިވާތާ ގިނަ ދުވަސްވުމުން އޭނާ އޮތީ ވަރަށް ހަރުވެފައެވެ.

ކާކު؟ ކީއްވެ ކުރި ކަމެއް؟

މި ރަށު ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ޒުވާނަކު ނަން ނުޖަހަން ޝަރުތުކޮށް ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް އޭނާއާއި ނައީމާއާ ދިމާވިއެވެ. ނައީމާ ވަރަށް ވާހަކަ ދެއްކި ކަމަށާއި ހުރީ ވަރަށް ހަމަޖެހިގެން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން އެގޭ ކައިރި ފޮޓޯއެއް ނަގަން ހޯމަ ދުވަހު ހުއްޓާ ތަރުކާރީތަކެއް ހިފައިގެން ނައީމާދައްތަ ދިޔައީ. އަހަރެން ފެނުނީމަ އެހި ފޮޓޯ ނަގަނީހޭ. އަހަރެން އާނއެކޭ ބުނީމަ ބުނީ ތިއޭ ޒުވާނުންނަށް އޮންނަ ކަމަކީ. ދެން އޭގެ ފަހުން އަންގާރަ ދުވަހު ވެސް ފެނުނު. އެ ދުވަހު ވެސް ގޮވާލާފައި ދިޔައީ. ވަރަށް ހަމަޖެހިގެން ހުރީ. ހިޔެއް ނުވޭ އެއްވެސް ކަމެއް ދިމާވެފައި އެހާތަނަށް ހުރި ހެނެއް،" އެ ޒުވާނާ ތަފުސީލް ކޮށްދިނެވެ.

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އަންނާރުމާގެ، ނައީމާ މޫސާ، 62، ގެ ޖަނާޒާގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

ނައީމާގެ ވީނުވީއެއް ނޭނގުނީ އޭގެ އެއް ދުވަސް ފަހުންނެވެ. ކުރިން މާލޭގައި ދިރިއުޅުނު ނައީމާ އެކަނި ރަށުގައި ދިރިއުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އޭނާގެ އެއްބަނޑު އެއްބަފާ މީހުން ވެސް މި ރަށުގައި ދިރިއުޅެއެވެ. ނަމަވެސް ނައީމާ މުޅިންހެން ދިރިއުޅެނީ ވަކިންނެވެ. ނައީމާއޭ ކިޔައިގެން ރަށު ތެރޭގައި ޒަމާނުއްސުރެއް ވާހަކަތަކެއް ދެކެވެއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ދުވަހަކު ވެސް ސާބިތު ވެފައެއް ނުވެއެވެ.

"އަބަދު ވެސް ކިޔާ އެއްޗެއް ސިހުރު ހަދައޭ. އެކަމަކު ދުވަހަކު ވެސް އެ ޒާތުކަމެއް ސާބިތެއް ނުވޭ. އޭގެ ބަދަލު ހިފުމެއް ކަންނޭނގެއޭ މިއީ. އެ ކަހަލަ އެއްޗެހި ކިޔާ. އެ ނޫނީ ނައީމާދައްތަ އޭ ކިޔައިގެން އެއްވެސް އެހެން ކަހަލަ އެއްޗެއް ނުކިޔާ،" މި ރަށު މެދު އުމުރުގެ މީހަކު ބުންޏެވެ.

ނަމަވެސް މި ފަހަކުން ނައީމާއާ އެއްވެސް މީހަކާ މައްސަލައެއް ޖެހިގެން އުޅުނު ކަމެއް މި ރަށުން ވާހަކަ ދެއްކި އެއްވެސް މީހަކަށް ބުނާކަށް ނޭނގެއެވެ. އަދި ދެބަސްވުމެއް ނުވަތަ އަރާރުމެއް ހިނގި ކަމެއް ވެސް މީހުންނަކަށް ނޭނގެއެވެ.

އެހެން ހުއްޓާ ކުއްލިއަކަށް މި ފެނުނީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮށްވައެވެ.

މި މަރާ އެކު ރަށު ތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ބުނެވޭ ގޮތުގައި ނައީމާގެ އެއްވެސް ގަހަނާއެއް މަރުވެފައި އޮތްއިރަކު ނެތެވެ. އެހެންކަމުން ވައްކަން ކުރުމުގެ ތެރެއިން ހިނގި ކަމެއް ކަމަށް ވެސް ރަށުތެރޭގައި ކިޔައި އުޅެއެވެ. ނަމަވެސް އެކަނި އުޅޭ މީހަކަށް ވުމުން އޭނާގެ އަތުގައި ފައިސާ ހުރިކަމެއް އަދި އެ އެއްޗެހި ގެއްލުނު ކަމަށް ބުނަން އެނގޭ މީހަކު ނެތެވެ. އަދި، އޭނާއަށް ޖިންސީ ގޯނާއެއް ކުރަން އުޅެފައި ހުރި ކަމަށް ބުނާ ދެތިން މީހަކާ ވެސް މި ރަށުން ދިމާވިއެވެ.

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އަންނާރުމާގެ، ނައީމާ މޫސާ، 62، ގެ ޖަނާޒާގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

"ކިޔާ ވަޅި ހަރާލާ މަރާލުމަށް ފަހު ހެދުން ބަދަލު ކޮށްފައޭ ވެސް އޮތީ. އެހެންވެ އޭ ފުލުހުންނަށް ފުރަތަމަ ނޭނގުނީ ވެސް ވަޅި ހަރާފައި ހުރިކަން. މިއީ ކިޔާ އެއްޗެހި،" މި ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަމަވެސް މިއީ މުޅިން ވެސް ތޯތޯއެވެ. ސީދާ ނުވަތަ ޔަގީނާ ގާތަށް ވެސް ސަބަބެއް ބުނަން އެނގޭ ހަމަ އެކަކާ ވެސް މި ރަށަކުން ދިމައެއް ނުވެއެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް އަދި ރަށުގެ އެކި އުމުރުގެ މީހުންނަށް ވެސް ޔަގީން ކަމާ އެކު ހަމަ އެކައްޗެއް ވެސް ބުނާކަށް ނޭނގެއެވެ. ސިހުރު ހަދާކަމަށް ކުރާ ތުހުމަތު ނޫން އެހެން އެއްޗެއް ނައީމާއާ ދެކޮޅަށް އެ މީހުންނަށް އަޑެއް ވެސް ނީވެއެވެ.

އާބާދީގައި 2200 ވަރަކަށް މީހުން ރަޖިސްޓްރީ ކޮށްފައިވާ މި ރަށުގައި ތިން ހާހާ ގާތް ކުރާ އަދަދަކަށް މީހުން އުޅެއެވެ. މިއީ ނ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާތީ މި ރަށުން ގިނަ ހިދުމަތްތަކެއް ލިބޭތީއެވެ. އާބާދީ ބޮޑު ރަށަކާ ބަލާއިރު މިއީ ކުށް މަދު ރަށެކެވެ. މަސްތުވާތަކެތީގެ މައްސަލަ ކޮންމެ ވެސް ވަރަކަށް އޮވެއެވެ. ނަމަވެސް ގޭންގުތަކާއި މާރާމާރީ ފަދަ ކަންކަން ވަރަށް ނުހިނގައެވެ.

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އަންނާރުމާގެ، ނައީމާ މޫސާ، 62، ގެ ޖަނާޒާގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

"މި ރަށުގައި ނެތް މިކަން ކުރި ކަމަށް ޝައްކު ކޮށްލާނެ މީހެއް ވެސް. ހަމަ އެއް ގޮތަކަށް ވެސް ނޭނގެ ބުނާކަށް މިއީ ކިހިނެއް ހިނގި ކަމެއްކަމެއް،" މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫނާ މި މަރާ ގުޅޭގޮތުން ސުވާލު ކޮށްލުމުން ބުންޏެވެ.

ނައީމާ ދިރިއުޅުނު ގެޔާ ކައިރި ނުވެވޭ ގޮތަށް މުޅި އެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ. ފުލުހުންގެ ހާއްސަ ޓީމެއް އަންނަނީ ތަހުގީގުގައި ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި އެއްވެސް ތަފުސީލެއް ވެސް ފުލުހުން ނުދެއެވެ.

މަނަދޫ އޮތީ ފުން ހިތާމައެއްގެ ތެރޭގައެވެ. މި ބަރަކާތްތެރި ރޯދަ މަހު މުޅި ރަށުން ފެންނަނީ މާޔޫސް ކަމެވެ. އެންމެން ކުރަނީ އެއް ސުވާލެކެވެ. އުމުރުން ދުވަސްވީ އަންހެނަކަށް މިވަރު ކޮށްލީ ކީއްވެތޯއެވެ؟

comment ކޮމެންޓް