ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް، ފަންނީ ތަޖުރިބާކާރުންގެ ލަފާ އެންމެ ބޭނުންވި ވަގުތު އެ ބޭފުޅުން އެކަހެރިކުރުމުން މުއައްސަސާތައް ވަނީ ބަލިކަށިވެފައިކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ޕެންޝަން އޮފީހުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ މިނިސްޓަރު އަމީރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަނި ބެލެހެއްޓުމުގައި އިސްތިރާޖީ ރޭވުންތެރިކަން އިސްކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް މާލީ ސިޔާސަތުގެ މައިބަދައަށް ވާންޖެހޭނެ ކަމަށެވެ.
ނަމަވެސް، ދަރަނި އަދާކުރަންޖެހޭ ވަގުތު ކައިރިވަންދެން މަޑުކުރުމަކީ، ޚާއްސަކޮށް ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އިގްތިޞާދީ ކުރިއެރުމެއް ފެންނަން ނެތް ހާލަތެއްގައި އޮތް ޤައުމަކަށް ކުރިމަތިވާނެ ބޮޑު ކާރިސާއެއްކަން އަމީރު ފާހަގަކުރެއްވިއެވެ.
މިދިޔަ ސަރުކާރުގެ ސިޔާސަތަކަށް އަލިއަޅުއްވާލައްވަމުން އަމީރު ވިދާޅުވީ، 2021ވަނަ އަހަރު "ސަނީ ސައިޑް" ބޮންޑުގެ މައްސަލަ ތާވަލަށްވުރެ މާ ކުރިން ހައްލުކުރެވުނު ކަމަށެވެ. އެގޮތުން 250 މިލިއަން ޑޮލަރުގެ އެ ބޮންޑު ޖޫން 2022ގައި ދައްކަން ޖެހިފައި އޮތް ނަމަވެސް، ކޯވިޑް-19 ގެ ގޮންޖެހުންތަކާއެކު ވެސް، ދުރާލައި ދަރަނި ބެލެހެއްޓުމުގެ ސިޔާސަތުގެ ދަށުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެއް އަހަރު ކުރިން އަދާކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ފަދަ އުސޫލުތަކާ ދުރުވެފައިވާކަމަށް އަމީރު ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި މާލީ އިދާރާތަކާއެކު އޮތް ގުޅުން މިހާރު ވަނީ ހީނަރުވެފައެވެ. އަދި މާލީ ވުޒާރާގެ ބާރުތައް ކަނޑުވާލައި، ފަންނީ ތަޖުރިބާކާރުންގެ ލަފާ އެންމެ ބޭނުންވި ވަގުތު އެ ބޭފުޅުން އެކަހެރިކުރުމުގެ ސަބަބުން މުއައްސަސާތަކުގެ ހިންގުން ބަލިކަށިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަށީގެންވާ ދިރާސާއެއް ނެތި، ސިޔާސީ ބޭނުމަށް ނިންމާ ކުއްލި ނިންމުންތަކުގެ ސަބަބުން މައްސަލަތައް އިތުރަށް ވަނީ ގޯސްވެފައި،" އަމީރު ލިޔުއްވާފައިވެއެވެ.
އޭޕްރީލް 7، 2021: ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިތުރަށް އަމީރު ވިދާޅުވީ، ސުކޫކް ދައްކަންޖެހޭ މުއްދަތު ކައިރިވެފައި ވަނިކޮށް، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށެވެ. އަދި މާލީ ރިޕޯޓުތައް ހާމަކުރުމުގައި ދެފުށް ނުފެންނަ ސިޔާސަތެއް ގެންގުޅޭތީ އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސުކޫކަށް ފައިސާ ދައްކަން ދެ މަހަށްވުރެ ކުޑަތަންވެފައި ވަނިކޮށް ފައިސާ ހޯދަން އުޅުމުގެ ސަބަބުން، ދައުލަތް މިއަދު އޮތީ ފައިސާ ދޭ ފަރާތްތަކުގެ "މުށްދަށުގައި" ކަމަށް ވެސް އަމީރު ސިފަކުރެއްވިއެވެ.
މި ޙާލަތުން އަރައިގަތުމަށް ދެފުށް ފެންނަ އިޞްލާޙީ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ "ސްކޭމް" ފައިނޭންސިންގް އަށް ބަރޯސާވުމަކީ ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް އަމީރު ވިދާޅުވިއެވެ.
ގައުމު މިހާރު އޮތް ހާލަތުގެ ނުރައްކާތެރިކަން މި ސަރުކާރަށް އަދިވެސް އިޙްސާސްނުކުރެވޭ ކަމަށާއި އެއީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ޕެންޝަން އޮފީހުން ވަނީ 2.4 ބިލިއަންގެ މުއާމަލާތް މިއަދު ދިފާއުކޮށްފައެވެ.
އެ އޮފީހުން ބުނި ގޮތުގައި ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލަކީ ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ އަދި އޭގެ ސަބަބުން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމެެކެވެ.