"2.4ބިލިއަން އިންވެސްޓުކޮށްގެން ގެއްލުމެއް ނުވާނެ، ޑޮލަރުގެ ރިޒާވެއް އުފެދޭނެ"

ޕެންޝަން އޮފީސް --

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގް އިން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލަކީ ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ އަދި އޭގެ ސަބަބުން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމެއް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފިއެވެ.

ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ.

އެ އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ނިންމާފައިވަނީ، މިހާތަނަށް ޕެންޝަން ސްކީމުން އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނި ގޮތުގައި މި އިންވެސްޓްމަންޓާ ގުޅޭގޮތުން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުންތައް ނިންމުމުގައި މައިގަނޑު ގޮތެއްގައި ރިއާޔަތްކޮށްފައިވަނީ، ސެކަންޑަރީ މާކެޓުގައި ބޮންޑު ވިއްކާލުމުގައި ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރު ކުރުމަށެވެ. އަދި މިއީ ޕެންޝަން ފަންޑުގެ ދުރުރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް، އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ އޮފީހުން ބުނެއެވެ.

މި މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުން ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއެވެ.

ޕެންޝަން އޮފީހުން އިތުރަށް ބުނެފައިވަނީ، ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ބޯޑުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މެންބަރުންގެ މަސްލަހަތު ހިމާޔަތްކޮށް، އެންމެ ފައިދާހުރި ގޮތަށް ފަންޑު ބެލެހެއްޓުން ކަމަށެވެ. އެގޮތުން މި މުއާމަލާތުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން، ކޮންސަލްޓަންޓުންގެ ލަފައާ އެއްގޮތަށް ކަމުގެ ޔަގީންކަން އެ އޮފީހުން ވަނީ ދީފައެވެ.

https://sun.mv/217527

ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެ ބޭފުޅުން އިސްތިއުފާ ދެއްވައިފަވަނިކޮށް ސަރުކާރުން ބޭނުންވި ގޮތަށް ފަންޑުގެ ފައިސާ ބޭނުން ކުރަން, މިހާރު އޮތް ޕެންޝަން އޮފީހުގެ ބޯޑުން އިއްޔެ ފާސްކޮށްފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. މި ބަޔާނާއެކު އެކަން މިވަނީ ކަަށަވަރުވެފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އަމަލު ކުރައްވަން ފެއްޓެވި ޕެންޝަން ގާނޫނާ ގުޅޭގޮތުން އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ އެ ފަންޑު އުފެއްދެވީ ވަކި ޚާއްސަ ބޭނުމެއް ފުއްދަން ކަމަށެވެ. އެއީ ވަޒީފާ އަދާ ކުރާ މީހުންނާއި ވަޒީފާ ދޭ ފަރާތް ހިމެނޭ ގޮތަށް މުސާރައިގެ 14 ޕަސެންޓް ފަންޑަށް ޖަމާ ކުރުން ކަމަށާއި އޭގެ މަގުސަދަކީ ދޮށީ އުމުރުގައި ޕެންޝަން ދިނުމަށް ފައިސާ ރައްކާ ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި އެ ފަންޑުގެ ފައިސާ އެ ބޭނުން ނޫން އެހެން ކަމަކަށް ހަރަދު ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް, ޕެންޝަން އޮފީސް ވެސް އުފެއްދެވި ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް