ޒުވާނުން ދުންފަތާ ދުރުކުރުމަށް ގެންނަ 'ޖެނެރޭޝަން ބޭން'ގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޖެނަރޭޝަން ބޭންގެ ވާހަކަ އެންމެ ފުރަތަމަ އެމަނިކުފާނު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
މިއަދު ބޭއްވި ދެވަނަ ޕޮޑްކާސްޓުގައި ޖެނަރޭޝަން ބޭން އާ ގުޅިގެން ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރު ފުރުމުން ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ:
- ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
- ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
- ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
މިއީ މިހާރު އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ އުމުރުގެ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ އަދި މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އެކަމުން އެ ކުދިން ސަލާމަތްކުރުމަށް ފަސޭހަ ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޒުވާން ޖީލު އެބަ ސަލާމަތްކުރެވޭ. މިހާރު އެއޮތީ ވޭޕް މަނާކޮށްފައި. ދެން [އޮތީ] ސިނގިރޭޓާއި، އެކިކަހަލަ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޒުވާނުން ދުރުކުރުވުން އިނގޭތޯ،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނު ހުށަހެޅުއްވި ތިން ގޮތް ވެސް ފަންނީ ލެވެލެއްގައި މަޝްވަރާ ކުރުމަށްފަހު، ކޮންމެވެސް އެއް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ. އޭރުން ގާނޫނަކުން އެ އުމުރުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސިނގިރޭޓު އެތެރެކޮށް، ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން ވެސް ރައީސް ވަނީ މިއަދު ގޮވައިލައްވައިފައެވެ.
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެ ކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ. އެއީ، ވަކި އުމުރަކުން ދަށުގެ ކުދިންނަށް ސިނގިރޭޓު ބުއިން އެއްކޮށް މަނާކުރުން ކަހަލަ ފިޔަވަޅެކެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަކޮށް، ވޭޕް ބޭނުންކުރުން އެއްކޮށް މަނާކޮށްފައެވެ.
އެއާއެކު 110 ރުފިޔާއަށް ލިބުނު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 240 ރުފިޔާއަށް ބޮޑުވެފައެވެ.
އެ ފިޔަވަޅުތައް އެޅީ އާންމު ސިއްހަތުގެ ނަޒަރަކުން ވިސްނާފައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
ސިނގިރޭޓުގެ އަގު ބޮޑުކުރުމާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ އެއީ އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ. އިދިކޮޅު އެމްޑީޕީން ވަނީ ސިނގިރޭޓުގެ އަގު ކުޑަކުރަން ވެސް މީގެ ކުރިން ސަރުކާރަށް ގޮވާލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސިނގިރޭޓުގެ އަގު ބޮޑުވި ނަމަވެސް ޑިއުޓީން ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ.
ބާޒާރުގައި 'ވަގަށް' އެތެރެކޮށްގެން ވިއްކާ ސިނގިރޭޓު ވެސް ގިނަވެފައިވާއިރު، ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ. މި ފަހުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ.