ސިނގިރޭޓު އެތެރެކޮށް، ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަކޮށް، ވޭޕް ބޭނުންކުރުން އެއްކޮށް މަނާކޮށްފައެވެ.
'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ސިނގިރޭޓު ބުއިމާއި އެކި ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން އެންމެހައި ފަރާތްތަކަށް ބާރުއަޅުއްވާފައެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑު ކުރުމުގެ މައިގަނޑު މަފްހޫމަކީ އެކަމުން ރައްޔިތުން ސަލާމަތް ކުރުން ކަމަށާއި އެކަމަކީ ޓެކްސް ބޮޑުކޮށްގެން ވާނެ ކަމެއް ނޫންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެހެން އެކަން ކޮށްފިނަމަ އެއީ ސިނގިރޭޓު އެތެރެކުރާ މީހުންނަށް އެއިން ބޮޑުވާބައި ހަމަޖައްސައިގެން، ވިއްކަމުންދާން ލިބޭނެ ފުރުސަތެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އެދެން، ސިނގިރޭޓް އެތެރެކޮށް، ސިނގިރޭޓް ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާއިގެން އުޅެން. މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ. ދެން މިއީ ކުޑަކުޑަ ގައުމެއް. މިއީކީ މިލިއަނުން، މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީކީ. އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢު ސަލާމަތްކުރިއްޔާ މާރަނގަޅެއްނު މިކަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚާއްސަކޮށް ޅަދަރިންނާއި ތުއްތުކުދިން އެ ނުރަނގަޅު އާދައިގެ ތެރެއަށް ދާން ދޫކޮށްލައިގެން ސަރުކާރެއް އޮންނަންވީ ސަބަބެއް އެމަނިކުފާނަށް ވިސްނިވަޑައެއް ނުގަންނަވާ ކަމަށެވެ. އެހެން ގައުމުތަކުގައި ވެސް ވާހެން ރާއްޖޭގައި ވެސް ޒުވާން ކުދިން ދުންފަތުގެ އިސްތިއުމާލުގެ ތެރެއަށް ގޮސް، ދެން އެއިން ސަލާމަތް ނުވެގެން އުޅެންޖެހޭ މަންޒަރު ފެންނާތީ ހިތާމަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރު ފުރުމުން ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރަން ފަށައިގަނެ އެކަމުގައި މާގިނަ އަހަރުތަކެއް ނުވެ ތިބި ކުދިން، އެއިން ސަލާމަތް ކުރަން ފަސޭހަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި ގާނޫނުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭރުން ޒުވާން ޖީލު އެކަމުން ސަލާމަތްކުރެވޭނެ ކަމަށެވެ. މިހާރު އެއޮތީ ވޭޕް މަނާކޮށްފައި ކަމަށާއި ދެން އޮތީ ސިނގިރޭޓާއި، އެކިކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޒުވާނުން ދުރުކުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެންތިބި ފަރާތްތަކުންވެސް، އެކި ޢުމުރުފުރައިގެ ފަރާތްތަކުންވެސް، އަޅުގަނޑު މި ހަމަ ބާރުއަޅަނީ، ސިނގިރޭޓް ބުއިމާއި، އެކިކަހަލަ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވާން. އަގުބޮޑުކުރީ އެ މަގުސަދުގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ ވަރަށް އުނދަގޫ ކަމެއްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އާދޭ މެސެޖް އެއްޗެހި ވަރަށް ގިނައިން. މަންމަމެން، ބައްޕަމެން އެބަ މެސެޖްކުރޭ، ތިމަންނަގެ ދަރިފުޅު، ދެން އެއީ 30 އަހަރުގެ ދަރިޔަކަށްވެސް ވެދާނެ. ކުރީގައި ސިނގިރޭޓް ބޮނީ އޭނާ އަތުގައި ހުރި، އޭނާއަށް ލިބޭ މުސާރައިންނޭ. މިހާރު ލާރި ހުސްވެގެން، ތިމަންނަ އަތުގައި ހުރި ލާރިކޮޅޭ މިގެންދަނީ. ކިހާދެރަ ކަމެއްހޭ ތިކުރީ؟ އަޅުގަނޑަށް އާދޭ މެސެޖް އިނގޭތޯ. އަންޑަސްޓޭންޑްވެއޭ،" ރައީސް ވިދާޅުވިއެވެ.
ދުންފަތުން ނަގައި ޑިއުޓީ ބޮޑުކުރުމާ އެކު ކުރިން 110 ރުފިޔާއަށް ލިބުނު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 240 ރުފިޔާއަށް ބޮޑުވެފައެވެ. ވޭޕް ވެސް އެއްކޮށް މަނާކުރިއެވެ.
އެ ފިޔަވަޅުތައް އެޅީ އާންމު ސިއްހަތުގެ ނަޒަރަކުން ވިސްނާފައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
ސިނގިރޭޓުގެ އަގު ބޮޑުކުރުމާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ އެއީ އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ. އިދިކޮޅު އެމްޑީޕީން ވަނީ ސިނގިރޭޓުގެ އަގު ކުޑަކުރަން ވެސް މީގެ ކުރިން ސަރުކާރަށް ގޮވާލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސިނގިރޭޓުގެ އަގު ބޮޑުވި ނަމަވެސް ޑިއުޓީން ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ.
ބާޒާރުގައި 'ވަގަށް' އެތެރެކޮށްގެން ވިއްކާ ސިނގިރޭޓު ވެސް ގިނަވެފައިވާއިރު، ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ. މި ފަހުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ.