ޒުވާނުން ދުންފަތާ ދުރުކުރަން 'ޖެނެރޭޝަން ބޭން'ގެ ގޮތުގައި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަކޮށް، ވޭޕް ބޭނުންކުރުން އެއްކޮށް މަނާކޮށްފައެވެ.
ރައީސް މުއިއްޒު އަލަށް ފެއްޓެވި 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި އެ ފިޔަވަޅުތަކާ ގުޅިގެން ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ދުންފަތާ ދެކޮޅަށް އެ މަނިކުފާނު އެޅުއްވީ މުހިންމު ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ކަމުގެ ސަބަބުން އާންމު ސިއްހަތު ވެސް ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ފިޔަވަޅުތަކާ އެކު ދެން ކުރައްވާނެ ކަމަކީ 'ޖެނެރޭޝަން ބޭން'އެއް ތައާރަފުކުރެއްވުމެވެ.
"ދެން އޮތް ސްޓެޕަކަށް އަޅުގަނޑު ވިސްނާފައި މި އޮތީ މި ތަނުގައި ފާހަގަކޮށްލާނަން އަދި ކުރިއަށް އޮތް ތަނުގައި ތަފުސީލު އިއުލާނުކުރަމުން ދާނަން، ޖެނެރޭޝަން ބޭންއޭ މި ކިޔާ، ޚާއްސަކޮށް ޒުވާން ކުދިންނަށް އަލަށް ދުންފަތުގެ އިސްތިއުމާލުކުރުމަށް ވަންނަ ކުދިން އެ ކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން،" އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ.
"ކަށީގެ ހިފައިގެން ގިނަ ދުވަސްތަކެއް މި ކަމުގައި އުޅެފައި ހުންނާނީ ތަންކޮޅެއް އުމުރުން މަތީ މީހުންތާ ދެއްތޯ،"
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެ ކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ. އެއީ، ވަކި އުމުރަކުން ދަށުގެ ކުދިންނަށް ސިނގިރޭޓު ބުއިން އެއްކޮށް މަނާކުރުން ކަހަލަ ފިޔަވަޅެކެވެ.
"އެކަމަކު، 18 އަހަރު ފުރިގެން އެ ކަމުގެ ތެރެއަށް މި ދާ ކުދިން އެ ކަމުން ދުރުކޮށްދީ އެ ކުދިންގެ މުޅި ހަޔާތް އެ ކަމުން ސަލާމަތްކޮށްދީ ދުރުގައި ތިބެން ބާރުއެޅޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން،" ރައީސް ވިދާޅުވިއެވެ.
ދުންފަތުން ނަގައި ޑިއުޓީ ބޮޑުކުރުމާ އެކު ކުރިން 110 ރުފިޔާއަށް ލިބުނު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 240 ރުފިޔާއަށް ބޮޑުވެފައެވެ. ވޭޕް ވެސް އެއްކޮށް މަނާކުރިއެވެ.
އެ ފިޔަވަޅުތައް އެޅީ އާންމު ސިއްހަތުގެ ނަޒަރަކުން ވިސްނާފައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
ސިނގިރޭޓުގެ އަގު ބޮޑުކުރުމާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ އެއީ އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ. އިދިކޮޅު އެމްޑީޕީން ވަނީ ސިނގިރޭޓުގެ އަގު ކުޑަކުރަން ވެސް މީގެ ކުރިން ސަރުކާރަށް ގޮވާލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސިނގިރޭޓުގެ އަގު ބޮޑުވި ނަމަވެސް ޑިއުޓީން ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ.
ބާޒާރުގައި 'ވަގަށް' އެތެރެކޮށްގެން ވިއްކާ ސިނގިރޭޓު ވެސް ގިނަވެފައިވާއިރު، ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ. މި ފަހުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ.
comment ނަންރީތި ހުސޭނު
4 day 10 minutes ago
މިހާރަކައް އައިސް ހުޅުމާލެ ފޭސް 2ގަ ރޭގަނޑުގަޑީގެ ނަމާދުގަޑިތަކައް ކުދިންނަމާދައްދާގަޑީގަ ވޭޕް ހިފައިގެން މިސްކިތާތަންކޮޅެއް ދުރުގަ މީހުންތިބޭ. މިމީހުންކުރާކަމަކީ މިސްކިތައްދާ ކުދިންނައް ވޭޕްގެ ރަހަބަލައިލަން ދިނުން. މީބަޔަކު ރާވައިގެން ޒުވާންޖީލު ދުންފަތައް އަހުލުވެރިކުރަން ނުބައިރޭވުމެއްގަ ކުރާކަމެއް. މަގު ބަލަހައްޓަންތިބޭ ފުލުހުން މިކަމައް ސަމާލުވެ މިކަންކުރުވާ މީހުންނައް ފިޔަވަޅު އެޅުންމުހިންމު
comment ދިލްސާ
4 day 4 hour ago
ތިގޮތައް މިހާރުވެސްބެންހުޅުވައިފި ނަމެއްގަ ހިދުމަތްދޭނެބަޔަކުވެސް ހިދުމަތްހޯދާނެބަޔަކުވެސްއުފަންކުރުވަންޖެހޭނީ ތިވިދާޅުބެންކުތައް ހުވަފެނެއްގަވެސް ދިވެހިންނައްނުފެންނާނެ
comment ސަލީ
4 day 4 hour ago
ސިނގިރޭޓް ޓެކުހުން ލިބޭ ފައިސާއިން ފުރުޓަށް ސަބްސިޑީ ދިނީމާ އިތުރު ޚަރަދެއް ނުދާނެތާ. ކަނޑައަޅުއްވަން ވީނޫންތޯ!