މާލެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ހޮޓާތައް ފަދަ ތަންތަން ހިމެނޭހެން، ދުންފަތާ ގުޅުންހުރި ގާނޫނު ތަންފީޒުކުރޭތޯ 230 ތަނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބަލައި، 97 ތަނަކަށް ނަސޭހަތް ދީފިއެވެ.
އެޗްޕީއޭއިން އަންނަނީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަމަލުކުރާ މިންވަރާއި، އެ ތަކެތި ވިއްކާ ވިޔަފާރިތަކުގައި ލައިސެންސް އޮތްތޯ ބަލައި، ގަވައިދާ ޚިލާފަށް ދުންފަތް ބޭނުންކުރުމުން ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ވެސް ފިޔަވަޅު އަޅަމުންނެވެ.
އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ މަހު 230 ތަނެއް ބަލައިފައިވެއެވެ. އޭގެ ތެރޭގައި 130 ރެސްޓޯރެންޓް، ކެފޭ އަދި ހޮޓާތައް ބަލައިފައިވާއިރު، 96 ފިހާރައެއް ބަލައިފައިވެއެވެ. އަދި އާންމު ރައްޔިތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހަތަރު ތަނެއް ބަލައިފައިވާކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.
އެޗްޕީއޭއިން ބެލި ތަންތަނުގެ ތެރެއިން ރެސްޓޯރެންޓުތަކާއި ކެފޭތަކާއި ހޮޓާތައް ހިމެނޭ ކެޓަގަރީން 53 ތަނެއް އިސްލާހު ކުރުމަށް ނަސޭހަތް ދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި 44 ފިހާރައަކަށް ވެސް ނަސޭހަތް ދިންކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި ވަނީ، މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތަނެއްނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިޚުތިޔާރު އޮންނާނެ ކަމަށެވެ.
އެ ގާނޫނުގައި ވަނީ، ދުންފަތުގެ ބާވަތްތައް އެތެރެކުރާ އަދި ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކާ ކޮންމެ ފަރާތެއްގެ ކިބައިގައި، އެކަމުގެ ލައިސަންސެއް އޮންނަންވާނެ ކަމަށް ބަޔާންކޮށްފައެވެ. އެ މާއްދާއާ ޚިލާފުވެއްޖެ ނަމަވެސް، ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު ވަނީ ލިބިދީފައެވެ.
މި ސަރުކާރުން ވަނީ ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުންކުރުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ވޭޕް މަނާކުރުމާއި، ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން ހިމެނެއެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ އެ ޓެކްސް ކުޑަކޮށްފައެވެ.