އެމްއެންޔޫގައި މަތީ ތައުލީމު ހާސިލުކުރާ 28 ޕަސެންޓު ދަރިވަރުން އީ ސިނގިރޭޓު ބޭނުންކުރޭ: ދިރާސާ

ގައުމީ ޔުނިވާސިޓީ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގައި މަތީ ތައުލީމު ހާސިލުކުރާ 28 އިންސައްތަ ދަރިވަރުން އީ ސިނގިރޭޓު ބޭނުންކުރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ފެބްރުވަރީ އެކެއް، 2024 އިން އޮކްޓޫބަރު އެކެއް، 2024ގެ ނިޔަލަށް ރިޝާނާ ނަސީރު މި ދިރާސާ ހެއްދެވީ، މާލޭގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ މެދުގައި އީ ސިނގިރޭޓު ނުވަތަ ވޭޕު ބޭނުންކުރާ މިންވަރު ދެނެގަތުމަށެވެ.

އެ ދިރާސާގައި ވަނީ އީ-ސިނގިރޭޓު ބޭނުންކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެ ކަންކަމާއި އީ-ސިނގިރޭޓު ބޭނުންކުރުމާ ހުރި ގުޅުން ތަހުލީލުކޮށްފައެވެ.

މި ދިރާސާއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ 397 ދަރިވަރުންގެ މެދުގައި، 'ސިސްޓަމެޓިކް ރެންޑަމް ސާމްޕްލިން' އުސޫލުން ކުރިއަށްގެންދިޔަ ދިރާސާއެކެވެ. އެގޮތުން، މައުލޫމާތު އެއްކޮށްފައިވަނީ ދަރިވަރުން އަމިއްލައަށް ފުރާގޮތަށް ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެއް ބޭނުންކޮށްގެންނެވެ.

އެ ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި، އެމްއެންޔޫގައި މަތީ ތައުލީމު ހާސިލުކުރާ 28 އިންސައްތަ ދަރިވަރުން އީ-ސިނގިރޭޓު ބޭނުންކުރެއެވެ. އޭގެތެރެއިން، 4.5 އިންސައްތަ ދަރިވަރުންނަކީ ކޮންމެ ދުވަހަކު އީ-ސިނގިރޭޓު ބޭނުންކުރާ ކަމަށް ރިޕޯޓުކޮށްފައިވާ ދަރިވަރުންނެވެ.

އެމްއެންޔޫގެ ދަރިވަރުންތަކެއް - ސަން ފޮޓޯ- އިބްރާހިމް އިފާޒް

އެ ދިރާސާގެ 'ޗައި-ސްކޮޔާ' ތަހުލީލުން ދެއްކި ގޮތުގައި، ޖިންސާއި އާއިލާގެ މެންބަރަކު ދުންފަތުގެ އިސްތިއުމާލުކުރުމާއި އަދި ރައްޓެހިން ނުވަތަ އެކުގައި އުޅޭ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުމަކީ އީ-ސިނގިރޭޓު ބޭނުންކުރުމާ ބޮޑު ގުޅުމެއް އޮތް ކަންކަމެވެ.

މީގެއިތުރުން، އެ ޔުނިވާސިޓީގެ ދަރިވަރުންނަށް އީ-ސިނގިރޭޓާ ބެހޭގޮތުން މައުލޫމާތު އެނގިފައިވަނީ މެދު މިންވަރަށްކަން ފާހަގަކޮށް ދިރާސާގައި ބުނީ، މިއީ މުޖުތަމައުއާއި ގައުމީ ފެންވަރުގައި އީ-ސިނގިރޭޓުގެ ގެއްލުންތަކާ ބެހޭގޮތުން އިތުރަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބޭނުންވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

އީ-ސިނގިރޭޓު ބޭނުންކުރާ މިންވަރު 18 އާއި 19 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި އިތުރުކަމަށް ދައްކާ ކަމަށް ބުނެ، އެ އުމުރުފުރާއަށް އަމާޒުކޮށްގެން ތައުލީމީ ޕްރޮގްރާމްތައް ހިންގަންޖެހޭކަން ދިރާސާގައި ފާހަގަކުރިއެވެ.

މިގޮތުން، މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ހުރިހާ ސްކޫލްތަކާއި ތައުލީމީ މަރުކަޒުތަކުގައި އެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ވަރުގަދަކުރުމަށް ވަނީ ލަފާދީފައެވެ.

މި ސަރުކާރުން ފުރަތަމަ ވަނީ ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް އުފުލާފައެވެ. ނަމަވެސް އޭގެ ސަބަބުން ވަގު ސިނގިރޭޓުގެ ވިޔަފާރި އިންތިހާއަށް އިތުރުވެގެން ދިޔުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ލަފާގެ މަތިން ކަމަށް ބުނެ ފަހުން ވަނީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކޮށްފައެވެ. ޑިއުޓީ ކުޑަކުރުމާއެކު ރާއްޖޭގެ ބާޒާރުގައި ސިނގިރޭޓުގެ އަގު ދަށްވެފައިވާއިރު، މިއީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ.

އޭގެއިތުރުން، ވޭޕު އެތެރެކުރުމާއި ގެންގުޅުން ވެސް މަނާކޮށްފައިވާއިރު، ޖެނެރޭޝަނަލް ބޭންއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.

comment ކޮމެންޓް