އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ފޮނުވަނީ: މައްސަލަ އަދިވެސް ހައްލުނުވާތީ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑިކިޔަމުން -- ފޮޓޯ/ ސަރުކާރު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަދިވެސް ހައްލުނުވާތީ، ރޭ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންނެވެ.

މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ދޮޅު އަހަރުވީއިރު ވެސް މައްސަލައަށް ދާއިމީ ހައްލެއް ނުހޯދެއެވެ.

އެއާއެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު މައްސަލަ ހައްލުވާނެކަމަށް ފެނަކައިން އައްޑޫ ރައްޔިތުން ގާތު ބުނި ނަމަވެސް އެ ކަން ރޯދަމަހުގެ ފަހު ދިހަ ފެށުނުއިރު ވެސް ހައްލުނުވާކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އަންނަނީ އަމާޒުވަމުންނެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ފޮނުވަނީ: މައްސަލަ އަދިވެސް ހައްލުނުވާތީ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑިކިޔަމުން -- ފޮޓޯ/ ސަރުކާރު

އެކަން އެގޮތަށް އޮށްވައި، ރޭ އަނެއްކާވެސް 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އައްޑޫއަށް ގެންދިއުމަށް މާލޭން ވަނީ ފުރުވާލައިފައެވެ. ދެތިން ދުވަހުގެ ތެރޭގައި އެ ޖަނަރޭޓަރު ހިފައިގެން އައްޑޫ ސިޓީއަށް ބޯޓް އަންނާނެ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެއެވެ.

މިމަހުގެ 13 ވަނަ ދުވަހު ވެސް އައްޑޫއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ.

ހަމައެއާއެކު ފެނަކައިން ރޭ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑޫގައި މިވަގުތު ހުރި ޖެން ސެޓުތަކުގެ މަރާމާތުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

https://sun.mv/203505

އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކައިގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކުރައްވަމުންނެވެ.

އެގޮތުން، އެ ސިޓީގެ ރަށްތަކުން އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭތީ، މިމަހުގެ 10 ވަނަ ދުވަހު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެ މައްސަލަ ބަލައިގަތުމަށް އެމްޑީޕީގެ 12 މެންބަރުންނާއި ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވޯޓު ދެއްވި ނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

comment ކޮމެންޓް