އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެނެސްފިއެވެ.
އައްޑޫއިން ކަރަންޓު ކެނޑޭތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
މި މައްސަލައިގައި އެ ސިޓީގެ ރައްޔިތުންވަނީ މީގެ ކުރިން އިހުތިޖާޖު ވެސް ކޮށްފައެވެ.
އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންނެވެ.
މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ އަންނަނީ ކުރަމުންނެވެ.
އެހެންވެ އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކުރީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް އައްޑޫން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ދިމާވާން ފަށައިފައެވެ.
ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެ ސިޓީގެ ރައްޔިތުން އިހުތިޖާޖަށް ނިކުތުން ނޫން ގޮތެއް ނެތް ކަމަށް އައްޑޫގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެފައިވަނިކޮށް، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފްވަނީ އައްޑުއަށް ވަޑައިގެންފައެވެ.
އެއާއެކު އައްޑޫގެ ރައްޔިތުން ވަނީ އެއާޕޯޓު ދޮށަށް އެއްވެ، އެ މައްސަލައިގައި ވަނީ އަޑު އުފުލާފައެވެ. ރައްޔިތުން ވަނީ އަވަސް އަވަހަށް ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ހައްލުވާނީ ކޮން އިރަކުންތޯ ސުވާލުކޮށްފައެވެ. އަދި، އައްޑުއަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުނި އިންޖީނު ނުވަތަ ޖަނަރޭޓަރު ކޮބައިތޯ ސުވާލުކޮށްފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކައިގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކުރައްވަމުންނެވެ.