އަހަރު ދެބައިވާން ދާއިރު ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް

ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބް: އަހަރު ދެބައިވާން ދާއިރު ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް -- ފޮޓޯ/ ރައީސް އޮފީސް

އަހަރު ދެބައިވާން ދާއިރު ބޯހިޔާވަހިކަމުގެ ބަޖެޓުން މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އަދި ޚަރަދުކުރީ އެންމެ ފަސް ޕަސެންޓްކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މި އަހަރަށް ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ވަނީ 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އޭގެ ތެރެއިން މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ޚަރަދުކޮށްފައި ވަނީ 2.3 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ބޯހިޔާވަހިކަމުގެ (ޕަބްލިކް ހައުސިން) ޕްރޮޖެކްޓުތަކަށާއި ދަތުރުފަތުރުގެ (ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާ) ނިޒާމަށެވެ.

އެގޮތުން ޕަބްލިކް ހައުސިން އަށް 1.08 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާގައި ނަމަވެސް އަހަރު ދެބައިވިއިރު ޚަރަދުކުރީ އެންމެ 55 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުގެ އެންމެ 5.12 ޕަސެންޓެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ވެސް ބޯހިޔާވަހިކަމަށް 90 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވެސް 34.8 މިލިއަންގެ ދަށްވުމެކެވެ.

ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާއަށް ބަޖެޓުގައި 2.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއަހަރުގެ ޖޫން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުކޮށްފައި ވަނީ 818.6 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުގެ 32.42 ޕަސެންޓެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 1.5 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެހެންކަމުން މިއީ 740.9 ރުފިޔާގެ ދަށްވުމެކެވެ.

އެހެންކަމުން މި ދެ ދާއިރާއިން ވެސް މިއަހަރުގެ މިހާތަނަށް ކުރި ޚަރަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުގެ ބަޖެޓަކީ ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ވެސް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހަމައެއާއެކު މިއަހަރު ދެބައިވާން ދާއިރު ވެސް ބަޖެޓުން ޚަރަދުކޮށްފައި މިވަނީ އެންމެ ފަސް ޕަސެންޓެވެ.

https://sun.mv/223411

ކަން އެހެން އޮއްވައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން، ޚާއްސަކޮށް އެމްޑީޕީން ދަނީ ރަށްރަށުގައި ވެސް ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށް ބުނެ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ފަހުން ރޭ ބޭއްވި ފުރަތަމަ ގައުމީ މަޖިލިސް ޖަލްސާގައި އެ ޕާޓީގެ ސެކްރެޓޭރިއޭޓްގެ ފަރާތުން ހުށަހެޅުއްވި ގަރާރުގައި ވެސް ވަނީ އަތޮޅުތެރޭގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރި ކަމަށް ބުނެފައެވެ. އޭގެތެރޭގައި މިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު 90 ޕަސެންޓާ ގާތަށް ނިމިފައި ހުރި ޕްރޮޖެކްޓްތައް ވެސް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ހުރިކަމަށް ތުހުމަތުކުރިއެވެ. ޚާއްސަކޮށް ބައެއް ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ނުހިނގާކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ވެސް ނިންމައިފައެވެ.

https://sun.mv/223430

ހަމައެއާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް، މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް, ޑރ. ޢަބްދުﷲ މުއްޠަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ވެސް މިހާރު އޮތީ ހުށަހަޅައިފައެވެ.

މިނިސްޓަރު މުއްތަލިބާ ސުވާލުކުރުމަށް ހުށަހަޅުއްވާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތަފްސީލީ މައުލޫމާތު ހޯދުން ހިމެނެއެވެ. މީގެ ތެރޭގައި މަސައްކަތް ހުއްޓިފައިވަނީ ކޮން ރަށްތަކެއްގައި ކަމާއި، އެ މަސައްކަތްތައް އަލުން ފެށޭނެ ތާރީޚުތަކާއި، އަދި މަސައްކަތް ނިމޭނެ ތާރީޚުތަކުގެ ތަފްސީލު ސާފުކުރުން ހިމެނެއެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުން، ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ ބޮޑު ބައެއް އަދިވެސް ބޭނުންކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަށްރަށުގައި ހިނގަމުންދިޔަ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަމަށް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

  • ބޯހިޔާވަހިކަމަށް ކަނޑައެޅި ބަޖެޓުން މިހާތަނަށް ޚަރަދުކުރީ 5 އިންސައްތަ.
  • ދަތުރުފަތުރުގެ ނިޒާމަށް ކަނޑައެޅި ބަޖެޓުން ޚަރަދުކުރެވިފައިވަނީ 32 އިންސައްތަ.
  • މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މަޝްރޫއުތަކަށް ކުރާ ޚަރަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައި.
  • ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ މުޒާހަރާކުރުމަށް ތައްޔާރުވަމުން.
comment ކޮމެންޓް