އައްޑޫ ކަރަންޓް މައްސަލަ: އަޒާނާއި އެމްޑީޕީން ތާއީދު ކުރި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް: އައްޑޫ ކަރަންޓް މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި -- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީގެ ރަށްތަކުން އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭތީ، އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގެ ތާއީދުކުރެއްވި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި 47 މެންބަރުން ވޯޓު ދެއްވީ ބަލައިނުގަތުމަށެވެ. ނަމަވެސް އެމްޑީޕީގެ 12 މެންބަރުންނާއި އަޒާން ވޯޓުދެއްވީ އެ މައްސަލަ ބަލައިގަތުމަށެވެ.

ޕީއެންސީގެ މެޖޯރިޓީއާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައާ އެއްކޮޅަށް އަޒާން ވޯޓު ދެއްވިއިރު، ސަރުކާރާ އަޒާންގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. ޕީއެންސީން މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ގާނޫނުއަސާސީއާ ފުށުއަރާތޯ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށް ޕީއެންސީން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ބިލެއް ހުށަހަޅާފައެވެ. އެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އަޒާން ވަނީ އެ ބިލަށް ވޯޓުދޭން ދެކޮޅު ހަދައިފައެވެ. އެހެންވެ، އޭނާއަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ކުރިން އޮތީ ބުނެފައެވެ. އަދި މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން އަޒާން ވަނީ ވަކިވެސްކޮށްފައެވެ.

މެންބަރު އަޒާން: -- ފޮޓޯ/ މަޖިލިސް

މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ތަކުރާރުކޮށް އިހުމާލުވަމުންދާ ކަމަށެވެ. އަދި މި ރަމަޟާން މަސް ފެށެންވާއިރަށް ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވި ނަމަވެސް، އެކަން ހައްލުނުވާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި އެކަމުގެ ސަބަބުން އައްޑޫގެ އާންމު ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މައްސަލައިގައި ވަނީ ބުނެފައެވެ. އެގޮތުން ރަށުގެ ގެތަކުންނާއި، އޮފީސްތަކުންނާއި، ފިހާރަތަކުން ދޭންޖެހޭ ޚިދުމަތް އާންމު ރައްޔިތުންނަށް ނުދެވި، އެތަންތަނުގައި ގެންގުޅޭ ޓީވީ، އޭސީ، ފުރިޖު ފަދަ އަގުބޮޑު ކަރަންޓު ސާމާނު ހަލާކުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައިގައި ފެނަކައިން ބުނަނީ އައްޑޫ ސެންޓްރަލް ޕަވާ ސެޓޭޝަންގައި ހުރި ތިން ޖަނަރޭޓަރު ސެޓު މަރާމާތުނުކުރެވި ހުރުމުގެ ސަބަބުން ކަރަންޓުގެ މައްސަލަ ދިމާވަނީ ކަމަށް ކުއްލި މައްސަލައިގައި މެންބަރު ނާޒިލް ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ދިމާވެފައިވަނީ އެ ޖެނެރޭޓަރު ސެޓުތައް މަރާމާތުކުރަން ބޭނުންވާ ސްޕާ ޕާޓްސް މާލެ ހެޑް އޮފީހުން ފޮނުވައިނުދޭތީކަމަށް އައްޑޫ ސެންޓްރަލް ޕަވާ ސެޓޭޝަންއިން ބުނި ކަމަށް ނާޒިލް ވިދާޅުވިއެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް ތިން މެގަވޯޓުގެ ދެ ޖެނެރޭޓަރު ސެޓު ބޭނުންވާކަމަށް އައްޑޫ ސެންޓްރަލް ޕަވާ ސެޓޭޝަނުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް އެ ސްޓޭޝަނަށް ގެންދިޔައީ 1.8 މެގަވޯޓުގެ އެންމެ ޖެނެރޭޓަރު ސެޓެއް ކަމަށް ވެސް ނާޒިލް ވަނީ އެ މައްސަލައިގައި ފާހަގަކުރައްވައިފައެވެ.

ކަރަންޓު ކެނޑޭ މައްސަލައިގައި އައްޑޫގައި މުޒާހަރާ ކުރަނީ --

ނާޒިލް ވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއަކަށް ވީ ހިނދު، އެ ޒިންމާ ވަގުތުން ވަގުތަށް އަދާކުރުމަށް ގޮވައިލާފައެވެ.

އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންނެވެ.

މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ އަންނަނީ ކުރަމުންނެވެ.

https://sun.mv/203365

ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެ ސިޓީގެ ރައްޔިތުން އިހުތިޖާޖަށް ނިކުތުން ނޫން ގޮތެއް ނެތް ކަމަށް އައްޑޫގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެފައިވަނިކޮށް، މިދިޔަ ބުދަ ދުވަހުގެ ރޭ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފްވަނީ އައްޑުއަށް ވަޑައިގެންފައެވެ.

އެއާއެކު އައްޑޫގެ ރައްޔިތުން ވަނީ އެއާޕޯޓު ދޮށަށް އެއްވެ، އެ މައްސަލައިގައި ވަނީ އަޑު އުފުލާފައެވެ. ރައްޔިތުން ވަނީ އަވަސް އަވަހަށް ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ހައްލުވާނީ ކޮން އިރަކުންތޯ ސުވާލުކޮށްފައެވެ. އަދި، އައްޑުއަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުނި އިންޖީނު ނުވަތަ ޖަނަރޭޓަރު ކޮބައިތޯ ސުވާލުކޮށްފައިވެއެވެ.

މި ހަފުތާގައި އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖަނެރޭޓަރެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކައިގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކުރައްވަމުންނެވެ.

comment ކޮމެންޓް