އެމެރިކާއާއި އީރާނާ ދެމެދު ވި އެއްބަސްވުމަކީ ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބުނެ، ދިވެހި ސަރުކާރުން އެ ނިންމުމަށް މަރުހަބާ ކިޔައިފިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމަށާއި ހޮރްމޫޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު އުޅަނދުފަހަރަށް ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމަށް އެޅޭނެ ފިޔަވަޅުތައް ހިމެނޭހެން، އެ ދެ ގައުމުގެ މެދުގައި ވެވުނު ފަހުމުނާމާއަށް ރާއްޖޭ ސަރުކާރުން މަރުޙަބާ ކިޔާކަމަށް ފިނޭންސް މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މިނިސްޓްރީއިން ބުނީ މި ނިންމުމަކީ މަސްރަހުގެ ނުތަނަވަސްކަން ކުޑަކުރުމަށާއި އެ ސަރަހައްދުގެ އިތުރުން މުޅި ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތާލުމަށާއި ދެފަރާތުން ވެސް ކަންބޮޑުވާ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާއާއި ޑިޕްލޮމަސީގެ މަގު އިޚްތިޔާރުކޮށް، ދެ ފަރާތުންވެސް ދައްކާފައިވާ ސާބިތުކަމަށް ރާއްޖެއިން ޝުކުރުވެރިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ދެ ގައުމުގެ މެދުގައި ވާހަކަދެއްކުމަށް މަގުފަހިކޮށްދީ ނުތަނަވަސްކަން ކުޑަކުރުމަށާއި ސުލްހަވެރިކަމާއެކު ކަންކަން ހައްލުކުރުމަށް ބާރުއެޅުމުގެ ގޮތުން ޕާކިސްތާނާއި ގަތަރާއި ގަލްފްގެ އެހެނިހެން ގައުމުތަކުގެ އިތުރުން ސަރަހައްދީ، ބައިނަލްއަގުވާމީ ބައިވެރިން ކުރެއްވި ބިނާކުރަނިވި މެދުވެރިއެއްގެ ދައުރާއި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ރާއްޖެއިން ތައުރީފުކުރާ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު މަޝްވަރާއާއި ޑިޕްލޮމަސީގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ދޭ ތާއީދު ރާއްޖެއިން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަލުން އަރުވަމުން މިނިސްޓްރީއިން ވަނީ، މި އެދެވޭ ބަދަލުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، ދެމެހެއްޓެނިވި އިގްތިސޯދީ ކުރިއެރުމަކަށް މަގުފަހިވެ، ދާއިމީ ސުލްހައާއި ހަމަޖެހުން ގާއިމުވުމަށް އިތުރު ބާރަކަށް ވާނެ ކަމަށް ރާއްޖެއިން އުންމީދުކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ސުލްހައިގެ އެއްބަސްވުމަކަށް އައިސްފައި ވަނީ މިއަދެވެ.
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ފާހަގަކުރެއްވި ގޮތުގައި މިއީ ސަރަހައްދީ ހަމަޖެހުމަށާއި ދުނިޔޭގެ އިގްތިސޯދަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. މީގެ އިތުރުން، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމާ ގުޅޭގޮތުން ހަރުދަނާ ފިޔަވަޅުތަކެއް މި އެއްބަސްވުމުގެ ދަށުން އެޅިގެންދާނެ ކަމަށް އެމެރިކާއިން އުއްމީދުކުރެއެވެ.
އެއްބަސްވުމުގެ ފުރިހަމަ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.