ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފަޅުތެރެއަށް ކަޅުތެޔޮ ވަދެފައި ވާތީ އެ ސަރަހައްދު ސާފުކުރުމަށް ބަންދުކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ހުޅުވީ މިމަހުގެ 12 ވީ ނިމުނު ހުކުރު ދުވަހުގައެވެ.
އެއަށްފަހު އެ ސަރަހައްދު ބަންދުކުރީ ރަސްފަންނާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެ، މޫދު ތަގައްޔަރުވުމާ ގުޅިގެން ރޭގައެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ، މި ސަރަހައްދު ސާފުކޮށް ނިމެންދެން ރަސްފަންނު ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.
އެއަށްފަހު މިރޭ މާލެ ސިޓީ ކައުންސިލުން ވަނީ ރަސްފަންނު މޫދު ސާފުކުރުމަށް ފަހު މިހާރު ހުޅުވާލެވިފައިވާ ކަމަށް ބުނެފައެވެ.
މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރަސްފަންނު ބަންދުކޮށްގެން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށް އިއުލާނު ކުރީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އާންމުކުރި އިއުލާނެއްގައިއެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫއެކެވެ.
ރަސްފަންނަކީ މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދަކަށް ވީނަމަވެސް، މީގެ ކުރިން ފެން ދައުރުނުވުމާއި ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ގިނަ ފަހަރު އެ ސަރަހައްދު ބަންދުކުރަން ޖެހެއެވެ.