ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދު ބަލައި ފާސްކުރިއިރު ދަބަހާކާއި ފޮށިގަނޑެއް ތެރެއިން 14 ފުޅި ބަނގުރާއާއި 72 ދަޅު ބަނގުރާ އަތުލައިގަނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އޮޕަރޭޝަނަކީ ބަނގުރާ ކޭސްތަކެއް ހިފައިގެން ހުޅުމާލެ ލަކުޑި ޖެޓީ ކައިރީގައި މީހަކު އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން، އިއްޔެ ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ލަކުޑި ޖެޓީ ސަރަހައްދު ބަލައިފާސްކުރިއިރު ފޮށިގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދަބަހާއި ފޮށިގަނޑު ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ އަދި 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މި ރޯދަ މަހު ވެސް މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން، ބަނގުރާ ވިއްކަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓުކޮށްފައިވެސްވެއެވެ. އަދި، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކަސްޓަމްސްއިން އަތުލައިގެންފައިވެއެވެ. އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު އަށް ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މި ހަފުތާގެ އާދިއްތަ ދުވަހު ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.