6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް ހިފަހައްޓައިފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަތް 6.7 ރުފިޔާގެ މަސްތުވާތަކެތި -- ފޮޓޯ/ ކަސްޓަމްސް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި ޝިޕްމަންޓެއް ބަލައިފާސްކުރުމަށް މިއަދު ފަތިހު، އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.5 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، 2.1 ކިލޯގެ މެތަމްފެޓަމިން، އެއް ކިލޯގެ ކެޓަމިން އަދި 301 ގްރާމުގެ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި ތަކެތީގެ މަގުމަތީ އަގު، ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކަސްޓަމަސްއިން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި އެ މަސްތުވާތަކެތި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަހުގެ ފަސްވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އިންޑިއާ ކޯސްޓްގާޑުން އަތުލައިގެންފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެ ތަކެތި އެތެރެ ކުރުން ހުއްޓުވުމާއި، އޭގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.

comment ކޮމެންޓް