ގަވައިދާ ޚިލާފަށް ބަނގުރާ ވިއްކި ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

ގަވައިދާ ޚިލާފަށް ބަނގުރާ ވިއްކި ބިދޭސީ މީހާ: އޭނާ ހައްޔަރުކޮށް، ޑީޕޯޓްކޮށްލަނީ -- ފޮޓޯ/ ފުލުހުން

ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ޑީޕޯޓުކުރަން ނިންމައިފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 44 އަހަރުގެ ސޮފިޤުލް އިސްލާމެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ބަލައި ފާސްކުރުމުގެ ތެރެއިން 18 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މިހާރު އެމީހާ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް އޮތް ބޮޑު ހުރަހަކީ، ޑްރަގުގެ ވަބާ ކަމަށް ވިދާޅުވެފައެވެ.

އަދި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް، ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް