ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު އަށް ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރޭ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އިން ބުނީ، ރޭ އެތަކެތި އަތުލައިގަތީ ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މަސްތުވާތަކެތި ހުރީ، ވިހި ޕެކެޓުގައި ފޮރުވާފައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި، އެތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ކެނެބިސްއަށް ވަނީ ޕޮޒިޓިވްވެފައެވެ.
އެތަކެތީގެ ބަރުދަނުގައި ޕެކިންއާ އެއްކޮށް، 1097 ގުރާމް ހުރިއިރު، މަގުމަތީ އަގު ގާތްގަނޑަކަށް 877،600 ރުފިޔާއަށް އަރާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު ތަކެތި ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މީގެ ހަތަރު ދުވަސް ކުރިން ވެސް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެ ތަކެތި އެތެރެ ކުރުން ހުއްޓުވުމާއި، އޭގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.