މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފުލުހުންނަށް ވައްކަމުގެ 147 މައްސަލައާއި 153 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
މިއަދު ފުލުހުން ވަނީ މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު އެ ޚިދުމަތަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން އެ 10 ދުވަހުގެ ތެރޭގައި 692 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލަތަކުގައި 148 މީހުން ހައްޔަރުކޮށްފައިވެއެވެ.
އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނުނީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓްތަކެވެ.
ރިޕޯޓުކުރި މައްސަލަތަކުގެ އަދަދުތަކަށް ބަލާއިރު:
- އަނިޔާކުރުމުގެ: 40 މައްސަލަ
- ގެއްލުންދިމުގެ: 48 މައްސަލަ
- މަސްތުވާތަކެތީގެ: 110 މައްސަލަ
- ވައްކަމުގެ: 147 މައްސަލަ
- ފޭރުމުގެ: 8 މައްސަލަ
- ޓްރެފިކް އެކްސިޑެންޓުގެ: 153 މައްސަލަ
- ސައްހަ ނޫން ފައިސާ އާއި ފޯޖަރީ ކުރުމުގެ: 8 މައްސަލަ
- ޚިޔާނާތުގެ: 13 މައްސަލަ
- ގެވެށި އަނިޔާގެ: 19 މައްސަލަ
- ބިރުދެއްކުމުގެ: 38 މައްސަލަ
- ސައިބާ ކުށުގެ: 7 މައްސަލަ
- މަކަރާއި ހީލަތުގެ: 70 މައްސަލަ
- ޖިންސީ ކުށުގެ: 15 މައްސަލަ
- ކުޑަކުދިންނަށް އަނިޔާކުރުމުގެ: 16 މައްސަލަ
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖަނަވަރީ މަހު ވެސް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.
ޖަނަވަރީ މަހު ވައްކަމުގެ 73 މައްސަލައެއް ފުލުހަށް ހުށަހެޅިއިރު މަސްތުވާތަކެއްޗާ ގުޅުންހުރި 27 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އަދި ޓްރެފިކް އެކްސިޑެންޓުގެ 53 މައްސަލައެއް ހުށަހަޅާފައި ވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރޯދަމަހަކީ އާންމު ގޮތެއްގައި ވައްކަމުގެ މައްސަލަތައް އިތުރުވާ މައްސަރެކެވެ. އަދި ފަހު 10ގައި ސަރުކާރު ބަންދުވާއިރު، ޗުއްޓީއަށް މީހުން ރަށުން ބޭރަށް ފުރާ ދުވަސްތަކުގައި ވެސް ވައްކަން އިތުރުވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ރޯދަމަހުގެ ހަވީރު ވަގުތުގައި މަގުމަތީގައި ބާރު ބޮޑުވެ، ޓްރެފިކް އެކްސިޑެންޓުތައް ވެސް ގިނައެވެ.