ފައިސާ ޗާޕުކުރާ މައްސަލައިގައި މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅައިފި

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު: އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ގަރާރެއް ހުށަހަޅައިފި -- ފޮޓޯ/ މަޖިލިސް

މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަމާމެދު ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށްޓަކައި ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.

މިއަދުގެ ޖަލްސާގައި އޮތީ އެ ގަރާރު އެޖެންޑާކޮށްފައެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ.

އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް ހުށަހެޅި ގަރާރަކީ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ޚިލާފަށް ސަރުކާރާއި އެމްއެމްއޭއިން ކުރަމުންގެންދާ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ޓަކައި ހުށަހެޅުއްވި ގަރާރެކެވެ.

އެ ގަރާރުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ލިބިގެން މެނުވީ އެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ޚަރަދު އިތުރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއް ކުރުމަށް ކަނޑައަޅާފައިވާނަމަ، އެ ޚަރަދެއް ކުރަންވާނީ އެކަމަކަށް އެކަނި ކަމަށް އެ ގަރާރުގައި ގާނޫނުއަސާސީއާ ހަވާލާދީ ވަނީ ބުނެފައެވެ.

އަދި ގާނޫނުގެ ދަށުން އެމްއެމްއޭއާ މަތިކުރުވާފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ޚިލާފަށް އެމްއެމްއޭއިން ފައިސާ ނެގުމުގެ ބޭނުމުގައި އެޗްޑީސީގެ މިލްކިއްޔާތުގައިވާ ބިމެއް ގަތުމަށްފަހު، އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށް ޓަކައި، ހުޅުމާލެއިން ބިން ގަތުމަށް އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އިމާރާތްތަކާއި، ބިންތައް ހޯދަންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެކަން ކަށަވަރުވާ ކަމަށާއި، އެކަމުގައި ފޮރުވާފައިވާ ކޮންމެވެސް ކަންތައްތަކެއް އޮތްކަމަށް ބެލުމުގެ ފުރުސަތު ނުހަނު ބޮޑުކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި އެ އަމަލަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މަރުކަޒީ ބެންކް، އެމްއެމްއޭ -- ފޮޓޯ: އެމްއެމްއޭ

ގަރާރުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ އެ އަމަލަކީ އެމްއެމްއޭގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެެއްލިގެން ހިނގައިދާނެ ކަމެކެވެ. އަދި ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ޚިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެ ގަރާރު ހުށަހެޅީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާތީ، އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ޓަކައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިއުޝާދު ވަނީ އެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ދުވަހު ނިންމަވައި، އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

https://sun.mv/203554

އެކަމާ ގުޅިގެން ސަރުކާރުން ސީދާ އެއްޗެއް ނުބުނި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މި ސަރުކާރުން 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށާއި، އެމްއެމްއޭއިން ފައިސާ ދައުރުކުރަން ނެރުނަސް ނެރޭނީ ޒިންމާދާރު ގޮތެއްގައި ކަމަށެވެ.

އެ މައްސަލަ ހޫނުވެފައި އޮއްވައި އެމްއެމްއޭ ބޯޑުގައި އިކޮނަމިކް މިނިސްޓްރީ ތަމުސީލުކުރައްވާ މެންބަރު ޝުހާދު އިބްރާހިމާއި، އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ އަހުމަދު ޒަޔާން މުހައްމަދު ވަނީ އިސްތިއުފާ ވެސް ދެއްވައިފައެވެ.

ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދަން އުޅޭއިރު ރައްޔިތުންނާއި އިގުތިސާދީ މާހިރުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކެމްޕޭނު ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް، މި ސަރުކާރުން އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ މިދިޔަ ސަރުކާރުގައި، ކޮވިޑުގެ ހާލަތުގައި އަށް ބިލިއަން ރުފިޔާ ޗާޕު ކުރުމެވެ. މިދިޔަ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް