ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލަކީ ގާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމަށާއި އުންމީދުކުރަނީ އެ ބިލާމެދު މަޖިލީހުގެ މެމްބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިފަދައިން ވިދާޅުވީ، އެ ބިލާމެދު އަލުން ވިސްނަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާފައި ވަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، އެއީ ފުރަތަމަ ދުވަހު ވެސް އެ ބިލާ މެދު އޭނާ ވިސްނި ގޮތް ކަމަށެވެ.
"މި ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު ބިލެއް. އަޅުގަނޑުގެ އުންމީދަކީ ރައީސް އެދިލެއްވި ގޮތަށް މަޖިލީހުގެ މެމްބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުން،" އެ ޕޯސްޓުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ މަހުގެ 26ވީ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އެ ބިލު ހަމަ އެ ދުވަހު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ބިލުގައި ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވިއެވެ.
އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ބައެއް މެންބަރުން ވެސް ޚިޔާލު ފާޅުކުރިއެވެ. އޭގެ ތެރެއިން އެއް މެމްބަރަކީ އަޒާނެވެ.
އޭނާ ވަނީ އެ ބިލް ފާސްކުރުމަށް އަންގައި ޕީއެންސީން ތުރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް، ވޯޓަށް އެހުމުން ތަޅުމުން ނުކުމެވަޑައިގެންފައެވެ. އެ ވިޕާ ޚިލާފުވި ދެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން ދިނެވެ. އަދި ހަމަ އެ ދުވަހު ރައީސް ވެސް ވަނީ އެ މައްސަލައިގައި ނުރުހުން ފާޅުކުރައްވައި އެއީ އެއްވެސް ފަހަރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓިން ވަނީ އަޒާންގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި ޕީއެންސީގެ މަޖިލިސް ވަޓްސްއެޕް ގްރޫޕުން އޭނާ ވަކިކޮސްފައި ވާއިރު، އަޒާން ހިމެނިވަޑައިގަންނަވާ މުހިންމު ކޮމެޓީތައް ކަމަށްވާ, މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ވަނީ އޭނާ ވަކިކުރައްވާފައެވެ.
އޭގެ ފަހުން، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވަނީ މިއީ އެއްވެސް ހާލަތެއްގައި އަޒާނަށް އަދަބެއް ދިނުމަށް އޭނާއާ މެދު އެޅި ފިޔަވަޅެއް ނޫންކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލް ފާސްކުރީ، މެންބަރުން ސިޔާސީ ޕާޓީތަކުން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މި މަޖިލީހުން ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އަދި އެ އިސްލާހަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުން، އެ މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހުގެ 11:00އަށް ތާވަލުކޮށްފައި ވަނިކޮށެވެ.
އެ އަޑުއެހުން ގާތް ވެފައިވަނިކޮށް، އަދި މަޖިލީހުން ބިލް ފާސްކުރި ފަހުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ. އެއީ ފަނޑިޔާރުން ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ.
އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންނަނީ އެ ބޭފުޅުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
ސަސްޕެންޝަންގައި ހުންނެވި ސުއޫދު ވަނީ، ރައީސް އިސްވެ ހުންނަވައި ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަަމުން އައީ ކޯޓުގެ މުޅި ބެންޗުންނެވެ. އަދި ބުދަ ދުވަހު އޮތް އަޑުއެހުން ކެންސަލްކުރި ފަހުން އެ މައްސަލަ އޮތީ ހުއްޓިފައެވެ.