ފަނޑިޔާރުން ވަކިކުރަން ވޯޓަށް އެހުމުން އަޒާން ވޯޓުނުދެއްވާ ނުކުމެވަޑައިގެންފި

ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން: އޭނާ ވަނީ ވޯޓު ނުދީ ތަޅުމުން ނުކުމެފައި --- ފޮޓޯ/ މަޖިލީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރާ ބިލަށް އަތްހިތްލައިގެން ވޯޓަށް އަހަމުން ދަނިކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވޯޓުގައި ބައިވެރިނުވެ، ތަޅުމުން ނުކުމެވަޑައިގެންފިއެވެ.

އެ ބިލު ބަލައިގަތުމާ މެދު އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެނުލައްވައެވެ.

އަވަސް އަރުވާލައިގެން އިއްޔެ ކޮމިޓީން ބިލު ފާސްކުރި ފަހުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުން ވަކިކުރަނީ އިންސާފުވެރިކޮށްތޯ ސުވާލު އުފައްދައިފައެވެ.

ފިލްޒާގެ ގާނޫނީ ސުވާލުތަކާ ގުޅިގެން ރޭ 10:30 ވި ފަހުން ޖުޑިޝަރީ ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި މެންބަރުން ނިންމީ ފިލްޒާގެ ލަފައަށް ބެލުމެއް ނެތި އެ ކަމާ މެދު ތަޅުމުން ގޮތެއް ނިންމަން ބިލާ މެދު ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހަޅަން ވަނީ ފާސްކޮށްފައެވެ.

އެ ބިލުގެ ކޮމިޓީ ރިޕޯޓު މިއަދު ތަޅުމަށް ހުށަހަޅައި، ދެ ފަނޑިޔާރުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ.

https://www.sun.mv/203041

މަޖިލީހަށް މިއަދު 79 މެންބަރުން ހާޒިރުވިއިރު ވޯޓުގައި ބައިވެރިވީ 77 މެންބަރުންނެވެ. އޭގެ ތެރެއިން ބިލާ އެއްކޮޅަށް ވޯޓުދެއްވީ 68 މެންބަރުންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ. މެންބަރު އަޒާން ބިލަށް ވޯޓުނުދެއްވައި ތަޅުމުން ނުކުމެވަޑައިގަތީ އަތްހިތްލައިގެން ވޯޓަށް އަހަމުން ދަނިކޮށެވެ.

ވޯޓުނުދެއްވި ސަބަބާ ގުޅޭ ގޮތުން މިހާތަނަށް އަޒާންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓުނުދެއްވައި ނުކުންނެވި ފަހުން އިއްޔެ އިރުއޮއްސުނުއިރު ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ ބޭރުކޮށްލައިފައެވެ. އެކަމަކު، އެ ކަމާ ގުޅިގެން ޕީއެންސީން ރަސްމީ ބަހެއް ނުބުނެއެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން އިއްޔެ ހުށަހެޅީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަށް ތާއީދުކޮށް، ޕީއެންސީގެ ހުރިހާ މެންބަރުން ވެސް ބިލަށް ތާއީދުކޮށްދޭން އެ ޕާޓީގެ ލީޑާޝިޕުން ވަނީ އެދިފައެވެ.

https://www.sun.mv/203031

ބިލު ބަލައިގަންނަން އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ 10 މެންބަރުން ބައިވެރިނުވެއެވެ. އެކަމަކު، އޭގެ ތެރެއިން ދެ މެންބަރަކު ފިޔަވާ ދެން ތިއްބެވި މެންބަރުންނަކީ ރަސްމީ ދަތުރުތަކުގައި ތިއްބެވި މެންބަރުންކަމަށް ޕީއެންސީން ފަހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލީޑާޝިޕުން އެންގި ގޮތަށް ވޯޓު ނުދިން މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް އިއްޔެ މެންބަރުންނަށް އެންގިއެވެ. އޭގެ ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންގުމާ އެއްގޮތަށް ވޯޓު ނުދިނުމަކީ އެއްވެސް މެންބަރަކު އެއްވެސް އިރެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވާފައެވެ.

https://www.sun.mv/203060

މަޖިލީހުން އަވަސް އަރުވާލައިގެން ސުޕްރީމް ކޯޓު ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރަން ފާސްކުރިއިރު މިއަދު 11:00 ގައި ގޮނޑި ގެއްލޭ މައްސަލައާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އެބައޮތެވެ. އެއީ، ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހެޅި މައްސަލައާ ގުޅިގެން ނެރެދޭން އެދުނު ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމާށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ނިމެންދެން މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި ފަނޑީޔާރުގެއަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ނުކުރަން އަންގައި ވަގުތީ އަމުރެއް ނެރެން ވަނީ އެދިފައެވެ.

ސުޕްރީމް ކޯޓު ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން މި ފާސްކުރީ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުގައި ބަލަމުން އަންނަނިކޮށެވެ.

comment ކޮމެންޓް