ޕެންޝަން ފަންޑު ބޭނުންކުރެވޭ ކަންކަން އިތުރުކުރަން މަޖިލިސް ހުޅުވުމުން ހުށަހަޅާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުގައި ޕެންޝަން ފަންޑުން، ފައިސާ ބޭނުންކުރެވޭނެ ހާލަތްތައް އިތުރުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އޮތް ޖަލްސާގައި، ރައްޔިތަކު ވަނީ ޕެންޝަން ފަންޑާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަށް ޕެންޝަން ފަންޑުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅާނެ ކަމަށެވެ.

އެގޮތުން, ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާޙުތަކެއް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ. އޭރުން މިހާރަށް ވުރެ ގިނަ ކަންކަމުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ, ޕެންޝަން ފަންޑު ވަރަށް މުހިންމު ކަންކަމުގައި ބޭނުންކުރަން ފަހިވާނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑު ވައުދުވީ ގޮތަށް، އޭގެ ތެރެއިން އެއްބައި ކަންކަން މިހާރު ފެށިފައި އެ ވަނީ އިތުރަށް ފުޅާކޮށްދޭން،" ރައީސް ވިދާޅުވިއެވެ.

https://sun.mv/189858

އެކަމަކު، ގެންނާނެ ބަދަލުތަކާ ގުޅޭ ތަފުސީލެއް އެ މަނިކުފާނު ހިއްސާކުރައްވާފައެއް ނުވެއެވެ.

ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން، އެ މީހުންގެ ފަރުވާއަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުން ފަދަ ކަންކަމަށް މިހާރު ވެސް އަންނަނީ އެދެމުންނެވެ. ހަމައެއާއެކު ވަޒީފާއިން ވަކިވުމަށް ފަހު، ވަޒީފާގައި އުޅުނުއިރު އެއްވާ ޕެންޝަން ފައިސާ ލިބޭނެ ގޮތެއް ވޭތޯ ވެސް ބައެއް ރައްޔިތުން އެދެއެވެ.

މިހާރު ވެސް ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް ޕެންޝަން ފަންޑު ބޭނުންކުރެވެއެވެ.

ގާނޫނުގައި އޮތް ގޮތުން މިހާރު ވަޒީފާ އަދާކޮށްގެން އެއްވާ ޕެންޝަން ފައިސާ ވެސް ލިބެން ފަށަނީ، 65 އަހަރުވުމުންނެވެ.

comment ކޮމެންޓް