ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ މަހުގެ 26ވީ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އެ ބިލު ހަމަ އެ ދުވަހު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ބިލުގައި ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވިއެވެ.
އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ބައެއް މެންބަރުން ވެސް ޚިޔާލު ފާޅުކުރިއެވެ. ނަމަވެސް ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ވަނީ، އަޑުގަދަކުރި އެމްޑީޕީ މެންބަރުން ތަޅުމުން ނެރުމަށް ފަހު ބިލް ފާސްކޮށްފައެވެ.
އެ ބިލް ފާސްކުރުމަށް އަންގައި ޕީއެންސީން ތުރީ ލައިން ވިޕެއް ނެރުނެވެ. އެ ވިޕާ ޚިލާފުވި ދެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ ދީފައެވެ. އޭގެ ތެރޭގައި، ވޯޓަށް އެހުމުން ތަޅުމުން ނުކުމެވަޑައިގަތް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނޭއިރު، އެ ދުވަހު ރައީސް ވެސް ވަނީ އެ މައްސަލައިގައި ނުރުހުން ފާޅުކުރައްވައި އެއީ އެއްވެސް ފަހަރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ބިލް ތަސްދީގު ކުރައްވަން ނުވަތަ އަނބުރާ ފޮނުވާލުމަށް ރައީސަށް ލިބިވަޑައިގަންނަވަނީ ޖުމުލަ 15 ދުވަހެވެ. މި ބިލު އަނބުރާ ފޮނުވާލަން ރައީސް ނިންމެވީ 13 ދުވަސް ފަހުންނެވެ.
އެ ބިލާ މެދު ގާނޫނީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން ބާ ކައުންސިލްގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށެވެ. އެހެންވެ، ބިލު ތަސްދީގުނުކުރައްވައި، އިސްލާހުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެ ކައުންސިލުންވަނީ އެދިފައެވެ.
އެ ބިލް ފާސްކުރީ، މެންބަރުން ސިޔާސީ ޕާޓީތަކުން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މި މަޖިލީހުން ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އަދި އެ އިސްލާހަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުން، އެ މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހުގެ 11:00އަށް ތާވަލުކޮށްފައި ވަނިކޮށެވެ.
އެ އަޑުއެހުން ގާތް ވެފައިވަނިކޮށް، އަދި މަޖިލީހުން ބިލް ފާސްކުރި ފަހުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ. އެއީ ފަނޑިޔާރުން ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް
އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންނަނީ އެ ބޭފުޅުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
ސަސްޕެންޝަންގައި ހުންނެވި ސުއޫދު ވަނީ، ރައީސް އިސްވެ ހުންނަވައި ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.
މަހާޒާއި އަޒްމިރަލްދާއަށް ތުހުމަތު ކުރަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށެވެ.
ނަމަވެސް، މި ތުހުމަތުތަކަށް ދެ ފަނޑިޔާރުން ވެސް ވަނީ އިންކާރުކުރައްވާފައެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަަމުން އައީ ކޯޓުގެ މުޅި ބެންޗުންނެވެ. އަދި ބުދަ ދުވަހު އޮތް އަޑުއެހުން ކެންސަލްކުރި ފަހުން އެ މައްސަލަ އޮތީ ހުއްޓިފައެވެ.