ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފިއެވެ.
މިކަން އަޒްމިރަލްދާގެ ގަނޫނީ ވަކީލު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، އަޒްމިރަލްދާއަށް ޖޭއެސްސީން ޗިޓު ފޮނުވީ މާދަމާ ހެނދުނު 10:00އަށް ހާޒިރުވާން އެދިކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، އަޒްމިރަލްދާއެވެ.
ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ހުސްނުއްސުއޫދު ވެސް ވަނީ ސަަސްޕެންޑުކޮށްފައެވެ. ނަމަވެސް މިހާރު އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީން ކުރިން ބުނި ގޮތުގައި އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުން އަންނަ ޖިނާއީ މައްސަލަތަކެއްގެ ތުހުމަތުކުރެވި ތަހުގީގެއް ކުރިއަށްދާތީއެވެ.
މަހާޒާއި އަޒްމިރަލްދާގެ މައްޗަށް ތުހުމަތު ކުރަނީ، އަޒްމިރަލްދާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށެވެ.
މި މައްސަލައިގައި އިއްޔެ ވަނީ މަހާޒް ވެސް ޖޭއެސްސީއަށް ހާޒިރު ކޮށްފައެވެ. މަހާޒް ޖޭއެސްސީއަށް ހާޒިރު ކުރުމާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލު ފައިސަލް މުޙައްމަދު "ސަން"އަށް ވިދާޅުވީ، މަހާޒަށް ކުރާ ތުހުމަތުތަކަށް އޭނާ ޖަވާބުދާރީވެފައި ވާކަމަށެވެ.
މަހާޒް ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް މީގެ ކުރިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އަޒްމިރަލްދާ ވެސް ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.
އެގޮތުން، ފިރިމީހާ ހައްޔަރުކުރި މައްސަލައެއް ބޭނުންކޮށްގެން، ސަރުކާރުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޑރ. އިސްމާއީލް ލަތީފް އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މަސާޖު ކުރާ ތަނެއްގައި، އެ ޚިދުމަތް ހޯދަން ހުއްޓާ ފުލުހުން ވަދެ އެ ތަނުގައި ތިބި އެންމެން ހައްޔަރުކުރިއިރު އޭނާ ވެސް ހައްޔަރުކުރި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭނާ އެއްވެސް ކުށެއް ކުރިކަން ނުދެކޭ ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނި ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާ އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.