ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތަށް ޖޭއެސްސީގައި މަހާޒު ޖަވާބުދާރީވެވަޑައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު -- ފޮޓޯ/ ރައީސް އޮފީސް

ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު މަހާޒް ޖަވާބުދާރީވެވަޑައިގެންފިއެވެ.

ފަނޑިޔާރު މަހާޒަށް ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށެވެ.

އެ މައްސަލައިގައި މިއަދު މެންދުރު އެކެއް ޖެހިއިރު ފަނޑިޔާރު މަހާޒު ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. ފަނޑިޔާރު ހަޒިރުވީ ވަކީލު ފައިސަލް މުޙައްމަދާ އެކުގައެވެ.

އެކަމާ ގުޅުން ހުރި ތަފުސީލުތައް 'ސަން'އާ ހިއްސާކުރައްވައި، ވަކީލު ފައިސަލް ވިދާޅުވީ، މިއަދު ޖޭއެސްސީއަށް ހާޒިރުކުރީ، ކްރިމިނަލް ކޯޓުގައި ހިނގި ބަންދުގެ މަޖިލީހަކަށް މަހާޒު ނުފޫޒު ފޯރުވީ ކަމަށް ބުނެ އެކޮމިޝަނަށް އާންމު ފަރާތަކުން ހުށަހަޅާފައި އޮތް ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

ޖޭއެސްސީން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ފަނޑިޔާރު މަހާޒު އެ ދުވަހު ކަން ހިނގައިިދިޔަ ގޮތް ވަރަށް ސާފުކޮށް ކިޔައިދެއްވި ކަމަށް ވަކީލް ވިދާޅުވިއެވެ. މިގޮތުން، އެ މައްސަލާގައި ވަކި ނަތިޖާއެއް ހާސިލުކުރަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި މެސެޖުކޮށްފައިވާ ނުވާކަން ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން، މި މައްސަލައިގެ މައުލޫމާތު މިހާރު ސާފުކޮށްފައިވާކަން ވަކީލު ފާހަގަކުރެއްވިއެވެ. ވަކީލު ފައިސަލް ވިދާޅުވީ، ޑރ. އިސްމާއިލް ލަތީފް ބަންދުގެ މަޖިލިސް އޮތީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ފިރިކަލުން ހައްޔަރުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ފަނޑީޔާރު މަހާޒަށް ލިބިވަޑައިގެންނެވީ ވެސް އެ ދުވަހުގެ 11:30ގެ ވެސް ފަހުން. އެހެންވީމަ، ފަނޑިޔާރު މަހާޒަކަށް ނޯންނާނެ އެ ވިދާޅުވާ ބަންދާ މެދުގައި ވަކި މީހަކަށް ނުފޫޒު ފޯރުވައި މިކަހަލަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ، އޭރު މިއޮތީ އެކަމެއް ނިމިފައި."

ޖޭއެސްސީއަށް ހުށަހަޅާފައި އޮތް ޝަކުވާއާ ގުޅުވައި ވަކީލު ފައިސަލް ވިދާޅުވީ، އޭގައި އޮތީ ރަނގަޅު ޝަކުވާއެއް ނޫން ކަމަށެވެ.

https://sun.mv/203064

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަހާޒް އާއި އަޒްމިރަލްދާ އަދި ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ. ނަމަވެސް ހުސްނުއްސުއޫދު ވަނީ މިދިޔަ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަޒްމިރަލްދާގެ މައްޗަށް ވެސް ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ. ނަމަވެސް، އަޒްމިރަލްދާގެ ލޯޔަރުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

https://sun.mv/203379

އެ ތުހުމަތުތަކާ ގުޅިގެން ޑރ. އިސްމާއީލް ލަތީފް އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މަސާޖު ކުރާ ތަނެއްގައި، އެ ޚިދުމަތް ހޯދަން ހުއްޓާ ފުލުހުން ވަދެ އެ ތަނުގައި ތިބި އެންމެން ހައްޔަރުކުރިއިރު އޭނާ ވެސް ހައްޔަރުކުރި ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އޭނާ އެއްވެސް ކުށެއް ކުރިކަން ނުދެކޭ ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނި ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާ އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް