ހުސްނުއްސުއޫދު، ރައީސަށް ކުރެއްވި ތުހުމަތު ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް އަބްދުﷲ ޝާހިދު: ހުސްނުއްސުއޫދު، ރައީސަށް ކުރެއްވި ތުހުމަތު ތަހުގީގުކުރަން އެމްޑީޕީން ވަނީ ގޮވާލައިފައި -- ފޮޓޯ/ އެމްޑީޕީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ކުރެއްވި ތުހުމަތުތައް ތަހުގީގު ކުރަން އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

ސަސްޕެޝަންގައި ހުންނަވަނިކޮށް އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައިވަނީ، ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ވަކިވުމުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާއެކު، އެ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ސަރުކާރުން ފޯރުވަމުން އަންނަ ކަމަށެވެ.

https://sun.mv/203289

މީގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ބިލެއް ފާސްކޮށް، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ގޮނޑި ގެެއްލޭ މައްސަލަ ނިންމަން ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާކަމަށް ވަނީ ސިޓީގައި ވިދާޅުވެފައެވެ.

މިދިޔަ ބުދަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ޖޭއެސްސީން އަންނަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ވެސް ބަލަމުންނެވެ.

ސުއޫދުގެ ސިޓީއާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަށް ނިންމުމަށް ރައީސް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

އެ ޕާޓީން ވަނީ ޖޭއެސްސީއާއި އޭސީސީއަކީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަންތައް ކަމަށް ތުހުމަތުކޮށް، ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލަތައް ބަލަނީ އެއްވެސް އަސާސެއް ނެތި، ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކޮށްފައެވެ.

"އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަން ރައީސަށް އޮތް ނަމަވެސް މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް އެ މަނިކުފާނު އިސްވެ ހުންނަވައި ދެމުންދާ ހަމަލާތައް ތަހުގީގުކޮށް ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެކަން ހަނދުމަކޮށް އަރުވަމެވެ،" އެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނުގެ އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

އެހެންވެ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް ގޮވާލާ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ.

"ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލުމަށް ވެރިކަން ކުރާ ޕާޓީން ހިންގަމުންދާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ، އެ ކަންކަމާ މެދު މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުުރމަށް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީން ގޮވާލަމެވެ." ބަޔާނުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުރިން، ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކޮށްފައެވެ.

އެ ބިލް ފާސްކުރި ފަހުން، ފަނޑިޔާރުން ސަސްޕެންޑުކުރިކަން ޖޭއެސްސީން ހާމަކުރުމުން، އެ ދުވަހުގެ 11:00ގައި އޮތް އަޑުއެހުން ކެންސަލްކުރިއެވެ.

ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގެ ތަފުސީލް އޭސީސީން ހާމަކޮށްފައިނުވާއިރު، ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައާއި މަޖިލީހުން ފާސްކުރި އެ ކޯޓާ ގުޅޭ ބިލުގެ މައްސަލައިގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

https://sun.mv/203171

މީގެ އިތުރުން ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ އެ ކޯޓުގެ ދިފާއުގައި އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު އިބްރާހިމް އިސްމާއިލް (އިބުރާ) ވަނީ ހައިކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

comment ކޮމެންޓް