ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ބުދަ ދުވަހު ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ އެ ކޯޓުގެ ދިފާއުގައި އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައިކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ޖޭއެސްސީން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.
އެ ތިން ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅިގެން ޖޭއެސްސީން ބުނީ އެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖޭއެސްސީއަށް ސިޓީއަކުން އަންގައިފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން މިއަދު އިބްރާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ އިޢުލާނު ކުރިއަސް، ރައްޔިތުންގެ ޙައްޤުތައް ގެއްލޭނެއެވެ. ޤއ [ޤާނޫނުއަސާސީ]ގެ ބާރު ދިޔައީއެވެ،" އިބްރާ ލިޔުއްވައިފައިވެއެވެ.
އެއާއެކު އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައި ކޯޓަށް މިހާރު މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންކަމަށް ޙައްލު ހޯދާނީ ސިޔާސީ ދާއިރާއިން ކަމަށެވެ. އެ ކަމަށް ޤާނޫނުއަސާސީއާއި ޖުޑިޝަރީ އުވާލައިގެން ނުވާނެކަމަށް އިބްރާ ވިދާޅުވިއެެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެެވެ.
ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ.
އެ މައްސަލަ ކުރިއަށްދަނިކޮށް ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން މަޖިލީހުން ވަނީ ބިލެއް ފާސްކޮށްފައެވެ. އެ ބިލަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ. އަދި ފަނޑިޔާރުން ސަސްޕެންޑުކުރީ ވެސް އެ ސަބަބާހެދި ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.