ފަނޑިޔާރުންނަށް ރައީސް ބިރުދައްކަވައިކަމަށް ވިދާޅުވެ ހުސްނުއްސޫދު އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު --- ފޮޓޯ/ ރައީސް އޮފީސް

ފަނޑިޔާރުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިރުދައްކަވައި، ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައިފައިވަނީ ހުސްނުއްސުއޫދު ރައީސް މުއިއްޒަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އިސްތިއުފާ ދެއްވިއިރު ހުސްނުއްސުއޫދު ހުންނެވީ ސަސްޕެންޝަނުގައެވެ.

ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީގައިވަނީ މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ނިންމުމާއެކު އެ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ސަރުކާރުން ފޯރުވަމުން އަންނަ ކަމަށެވެ.

އަދި ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ވެސް އެ މައްސަލަ ހުއްޓުވުމުގެ ގޮތުން ކަމަށް ހުސްނުއްސުއޫދު އިސްތިއުފާގެ ސިޓީގައި ލިޔުއްވައިފައިވެއެވެ.

މީގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ބިލެއް ފާސްކޮށް، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ގޮނޑި ގެެއްލޭ މައްސަލަ ނިންމަން ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާކަމަށް ވަނީ ސިޓީގައި ބަޔާންކޮށްފައެވެ.

"... އެކަމާ އިހްތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ސިޓީގައިވެއެވެ.

މިދިޔަ ބުދަ ދުވަހު، ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ އެ ދުވަހުގެ ހެނދުނު 11:00 އަށް ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށް ދެ ތިން މިނެޓަށް ވެފައި އޮއްވައެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ ޖިނާއީ މައްސަލައެއް ބަލަމުން އަންނާތީކަމަށް ޖޭއެސްސީން ބުނެފައިވެއެވެ

ހަމަ އެ ދުވަހުގެ ހެނދުނު 10:00ގައި ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު ތަޅުމުން ފާސްކޮށްފައެވެ.

ޖުމްލަ 79 މެންބަރުން މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް