ދިވެހިރާއްޖެއާއެކު ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕުތައް އުފައްދައި، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ދަތުރުތައް އިންތިޒާމުކުރުމަށް ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހާފިޒް އުއްދީން އަޙްމަދު ގޮވާލައްވައިފިއެވެ.
ބަންގްލަދޭޝް ސަންގްބާދު ސަންގްސްތާ (ބީއެސްއެސް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މި ހުށަހެޅުން އޭނާ ހުށަހެޅުއްވީ ޑާކާގައި ހުންނަ ޖާތިޔާ ސަންގްސަދު ބަވަންގައި، ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޝިއުނީން ރަޝީދާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ހާފިޒް އުއްދީން އަޙްމަދު ވަނީ ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އެގޮތުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުންތަކަކީ މި ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމެއް ކަމަށާއި، ދެ ގައުމުގެ ސަގާފީ އަގުތަކާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުން އިތުރަށް ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބަށްފަހު އެކުލަވާލި ކެބިނެޓު ހުވާކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕުތައް އުފައްދައި، މަޖިލިސް މެންބަރުންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުން އެއްބާރުލުން އިތުރުކުރުމަށް އިތުރު މަގުތައް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ހައިކޮމިޝަނަރު ޝިއުނީން ރަޝީދު ދެއްކެވި ވާހަކަފުޅުގައިވެސް، ދެ ގައުމުގެ ދެމެދުގައި އޮތް އެއްގޮތް ސަގާފީ އަގުތަކާއި ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ދިވެހި މުޖުތަމައުއަށް ފަސޭހަކަމާއެކު ހޭނިފައިވާކަން ޝިއުނީން ފާހަގަކުރެއްވިއެވެ.
ބީއެސްއެސްއިން ބުނި ގޮތުގައި، ކުޅިވަރާއި ސަގާފީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ފަތުރުވެރިކަން ތަރައްގީކުރުމުގެ އިތުރުން ބަންގްލަދޭޝްގެ ފަށާފައިވާ އަންނައުނު އުފައްދާ ސިނާއަތުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި އޮތް އެއްބާރުލުން ހަރުދަނާކުރުމުގެ ގޮތުން ޕާލަމެންޓަރީ ގުރޫޕްތައް އުފެއްދުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ޖަލްސާއެއް ބައްލަވާލެއްވުމަށް ހައިކޮމިޝަނަރަށް މަޖިލީހުގެ ރައީސް ވަނީ ދައުވަތު އަރުވާފައެވެ.