ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މަސައްކަތް އެންމެ 30 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިއުމަށް ފަހު ނިންމާލައިފިއެވެ.
މިއީ މި ރޯދަމަހު ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާއެވެ.
އޭގެ ކުރިން މިދިޔަ ހަފުތާގެ ބުދަ ދުވަހު އެނެމް ފަހުން ބޭއްވި ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރަމަޟާން މަހު ބާއްވާ ޖަލްސާތައް ހެނދުނު 10:30 އިން މެންދުރު 14:00 އަށް ކުރިއަށްގެންދާނެ ކަމަށެވެ.
ނަމަވެސް، މިއަދު 10:30ގައި ޖަލްސާ ފަށައި، ގާތްގަނޑަކަށް 11:00 ވަނިކޮށް ޖަލްސާ ވަނީ ނިންމާލައިފައެވެ.
ރޯދަމަސް ނޫން މަސް މަހު އާންމު ގޮތެއްގައި ޖަލްސާ ފަށަނީ ހެނދުނު 09:00 ގައެވެ.

މަޖިލީހުގެ ޖަލްސާގެ ތެރެއިން: މިއަދު މަޖިލިސް ކުރިއަށް ގެންދިޔައީ އެންމެ 30 މިނެޓަށް -- ފޮޓޯ/ މަޖިލިސް
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ލިޔުމުން ޖަވާބު ހޯދުމަށް ކުރި ހަތަރު ސުވާލުގެ ޖަވާބު ތަޅުމަށް އިއްވުމާއި، ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މަސައްކަތެވެ.
މީގެ ކުރިން ޖަލްސާ ކުރުކޮށްލި ނަމަވެސް ކޮމިޓީތައް ތާވަލުކޮށް ކޮމިޓީގެ މަސައްކަތް ކުރެއެވެ. ނަމަވެސް، މިއަދު ކޮމިޓީގެ މަސައްކަތެއް ވެސް ކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލިސް މެންބަރަކަށް ލިބޭ ބޮޑު މުސާރައާއި އިނާޔަތްތަކާ ބަލާފައި އެއާ އެއްވަރަށް މަސައްކަތްނުކުރާކަމުގެ ޝަކުވާ ބޮޑެވެ. މަޖިލިސް މެންބަރުންގެ މުސާރަތައް ކަނޑައަޅަނީ މެންބަރުން އަމިއްލަފުޅަށް ކަމަށްވާއިރު، މެންބަރުންގެ މުސާރައަކީ މިހާރު ކޮމިޓީ އެލަވަންސާ އެކު 82،500 ރުފިޔާއެވެ.
މާލީ އިސްލާހީ އެޖެންޑާގެ ދަށުން މެންބަރުން ހިމެނޭހެން ސިޔާސީ މުވައްޒަފުންނާއި އިދާރާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވިއެވެ. އެކަމަކު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ގާނޫނަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެކަމަށް ރައީސަށް ލަފާދީފައެވެ.