ފުލުހުންނަށް ނުފޫޒެއް ނުފޯރުވަން، ފޯރުވާނަމަ ކުރީ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައި: އިހުސާން

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއެކު: އިހުސާން ވިދާޅުވީ ފުލުހުންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާ ކަމަށް -- ފޮޓޯ/ ފުލުހުން

ފުލުހުންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާ ކަމަށާއި، ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން އެފަދައިން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔައިރު، މަޖިލީހަށް ވަޑައިގެން އެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އެ މައްސަލައިގައި އެމްޑީޕީން ވަނީ ފުލުހުންގެ ތަހުގީގުތަކަށް ވެސް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވައިފައެވެ.

އެއަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ، މި ސަރުކާރު އައިސް އޭނާއާ ހޯމް މިނިސްޓްރީ ހަވާލުކުރި ހިސާބުން ފެށިގެން ވޭތުވެދިޔަ ތަނުގައި ސަރުކާރުގެ އިދާރާތަކާ ގުޅޭ ވަރަށް ގިނަ އަދި ބޮޑެތި މައްސަލަތަކެއް ބަލަން ފަށާފައިވާ ކަމަށެވެ.

"ކަރެކްޝަނަލް ސާވިސަސްގެ މައްސަލައާއި، ކަސްޓަމްސްގެ މައްސަލައާއި، އިމިގްރޭޝަންގެ މައްސަލައާއި، ފިއުލް ސަޕްލައިސްގެ މައްސަލައާއި، އެޗްޑީސީގެ މައްސަލައާއި ހައުސިން މިނިސްޓްރީގެ ތަހުގީގުތައް ވެސް މިހާރު ފުލުހުން އެބަ ހިންގާ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބަލަނީ -- ފޮޓޯ/ މަޖިލިސް

ވަކިން ޚާއްސަކޮށް ފުލުހުންގެ ފުލެޓުތަކާ ގުޅިގެން ޕޮލްކޯގެ މައްސަލަ ވެސް މިހާރު ތަހުގީގުކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާނަމަ، މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު އެ ތިބީ،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިން މިނިވަންކޮށް އެތިއްބަވަނީ ކަމެއް ގޯސްކޮށް ނުކޮށްގެނެއް ނޫން ކަމަށެވެ. ދައުލަތުން އެ ތަހުގީގުތައް ކުރާ ކަމަށާއި އަދި އެކަން ކުރަނީ ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށް އިހުސާން ވިދާޅުވިއެވެ.

"ސީޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރާކަށް ނުވެސް ޖެހޭ،" އިހުސާން ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިހުސާން ފާހަގަކުރެއްވި ފަދައިން ފުލުހުން އެ މައްސަލަތަކުގެ ތަހުގީގުތައް ވަނީ ފަށައިފައެވެ. އެ ތަންތަނުގެ ވެރިންނަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތު އަމާޒުވާ މައްސަލަތަކުގެ ތަހުގީގުތައް ފުލުހުން ފެށިތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ.

އެހެންނަމަވެސް، އަދި މިހާތަނަށް އެ ތަހުގީގުތަކުގެ އަދާހަމަތަކެއް ފުލުހުން ހިއްސާކޮށްފައެއް ނެތެވެ.

comment ކޮމެންޓް