ހޯނޑެއްދޫގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކުރާތީ ފިޔަވަޅު އަޅަނީ

ހޯނޑެއްދޫ އެކިތަންތަނުގައި ރޯކުރާތީ ފިޔަވަޅު އަޅަނީ:---ޕޮޓޯ/މިނޫސް

ގދ. ހޯނޑެއްދޫގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކޮށް ހުޅުޖެހުން އާންމުވާތީ އެފަދަ ކަންކަން ކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ހޯނޑެއްދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެކަމަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ އަމަލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަނޑުބިންތަކާއި ރައްޔިތުންގެ ރުށްގަހާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތްކަން އެ އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.

ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިހާމް "ސަން"އަށް ވިދާޅުވީ މެދުނުކެނޑި އެކިތަންތާ އަލިފާން ރޯކުރާތާ މިހާރު 15 ވަރަކަށް ދުވަސް ވެފައިވާކަމަށާއި އެކަމުގެ ސަބަބުން އާންމުންނަށް އުދަގޫވެގެން، ކައުންސިލަށާއި ޕޮލިހަށް އެތަށް ފަހަރެއްގެ މަތިން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އަލިފާން ރޯކުރާ ވަކި ބޭނުމެއް ނޭންގޭކަން ފާހަގަކޮށް އޭނާ ވިދާޅުވީ އާންމުންގެ މުދަލަށް ގެއްލުންވާހެން ވެން އަލިފާން ރޯކުރާކަމަށެވެ.

"ފާއިތު ވިން ތިން ރޭ ވެސް ހަމަ އެކަހަލަ ގޮތަކަށް ދިޔައީ. ދަނޑު ހައްދާ ސަރަހައްދުގައާއި މީހުން ދިރި ނޫޅޭ ފަޅު ގޯތިތަކުގެ އިތުރުން އާންމުން އުޅޭ ސަރަހައްދުތަކުގައި ވެސް އާންމުންނަށް އުނދަގޫވާހެން ރޯކުރޭ. ރޯކުރަނީ ކޮންބައެއްކަމެއް އަދި ފާހަގައެއް ނުުކުރެވޭ. ޕޮލިހުން ވެސް އެކަހަލަ މައުލޫމާތެއް ދީފަވެސް ނެތް" ޝިހާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ އަލިފާން ރޯކޮށް، އެ އަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވައްޓަރިންނަށް އުނދަގޫވާގޮތަށް އަލިފާން ރޯކުރުމަކީ އާންމު އުނދަގުލާބެހޭ ގަވާއިދުގެ ދަށުން މަނާކަމެއްކަމަށެވެ.

އެގޮތުން ގަވާއިދާ ޚިލާފަށް، އެކަށީގެންވާ ރަށްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއްނެތި، އާންމު ތަންތާގައި އަލިފާން ރޯކުރުމަކީ މަނާކަމެއްކަމުގައިވާތީ، މިއަދުންފެށިގެން ހޯނޑެއްދޫގެ އެއްވެސް ތަނެއްގައި އަލިފާން ރޯކޮށް، އާންމު އުނދަގުލާބެހޭ ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު އެ ގަވާއިދުގެ ދަށުން ފިޔަަވަޅު އަޅާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ ހަތަރު ދުވަސް ކުރިން އައްޑޫ ހިތަދޫގެ ކޯއްޓޭ ސަރަހައްދުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަދާފައިވާ ނޭޗާ ޕާކުގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.

https://sun.mv/204241

އެ ހާދިސާ ވެސް ހިނގާފައިވަނީ ދަނޑުވެރިއަކު ހިއްކާފައި ހުރި ގަސްތަކެއް އަންދާލަން އުޅުމުގެ ތެރޭގައި އަލިފާން ހިފައިގެން ކަމަށް އައްޑޫ ނޭޗާ ޕާކު ފޭސްބުކް ޕޭޖުގައި ހިއްސާކުރި މައުލޫމާތެއްގައި ވެއެވެ.

އެގޮތުން އަލިފާން ފެށުނު ހިސާބުން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެއްގެ ތެރޭގައި އެކި ތަންތަނުގައި އަލިފާން ރޯވެ، އަލިފާން ފެތުރުނު ސަރަހައްދު އަވަހަށް ބޮޑުވެފައިވާއިރު، ފާހަގަ ކުރެވޭވަރުގެ ބޮޑު ގެއްލުމެއް ނުވާކަމަށް ބުނެއެވެ.

މިފަހުން އަލިފާނުގެ މިފަދަ ހާދިސާތައް ގިނައިން ހިނގާކަން ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް