ފެންފުޅިތަކެއްގައި ގިނަ އަދަދެއްގެ "ބަނގުރާ" އުފުލަނިކޮށް ހުޅުމާލޭން އަތުލައިގަނެފި

ބަނގުރާކަމަށް ބެލެވޭ ދިޔާ އެއްޗެއް، ފެންފުޅިތަކަކަށް އަޅައި، ފޮށިތަަކަކަށް އަރުވައިގެން ދަނިކޮށް -- ފޮޓޯ: ފުލުހުން

ބަނގުރާކަމަށް ބެލެވޭ ދިޔާ އެއްޗެއް، ފެންފުޅިތަކަކަށް އަޅައި، ފޮށިތަަކަކަށް އަރުވައިގެން ދަނިކޮށް ހުޅުމާލެއިން ބިދޭސީއަކު ހުއްޓުވައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެނެސްފިއެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މައުލޫމާތެއްގައި ވަނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެެއް ހުރި ފުޅިތަކެއް، ފޮށިގަނޑުތަކެއް އަރުވައިގެން ވޭންއެއް ހުޅުމާލެ ދަތުރުކުރި ކަމަށެވެ.

އެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު މިރޭ 21:46 ހާއިރު ހުޅުމާލެ ރީތިގަސް މަގުން ހުއްޓުވައި ބަލައިފާސްކުރިކަމަށް ވަނީ ބުނެފައެވެ.

ބަލައިފާސްކުރުމުގެ ތެރޭ ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ ގިނަ އަދަދެއްގެ ބޮނަކުއާ ފުޅި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވޭން ދުއްވަން އިން ނޭޕާލް ފިރިހެނެއް ކަމަށްވާ އުމުރުން 37 އަހަރުގެ ތިރުތަ ބަހާދުރެވެ.

އެ ވޭނުން ބަނގުރާކަމަށް ބެލެވޭ 500 އެމްއެލްގެ 75 ފުޅި ވަނީ ފެނިފައެވެ.

އެއާއެކު އޭނާ ދުއްވަން އިން ވޭން ޓޯކޮށް މައްސަލަަ ބަލަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް އާންމުކޮށް ވެސް ފުލުހުންނަށް ގިނަ އަދަދަކަށް ހުށަހަޅައެވެ.

comment ކޮމެންޓް