ދައުލަތުގެ އާމްދަނީ ދަށްވީ، މިދިޔަ އަހަރު ސަރުކާރުން ސިނގިރޭޓު އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ދިރާސާކޮށްފައިވަނީ، އޮޑިޓް އޮފީހުގައި މަސައްކަތް ކުރި މުވައްޒަފަކު ރިޓަޔާ ވުމުން އޭނާއަށް ލިބެން ޖެހޭ އެލަވަންސް ނުލިބޭތީ ހުށަހަޅައިފައިވާ ސިޓީީއެއްގެ މައްސަލައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ސަރުކާރުން ޚަރަދު ކުޑަ ކުރާނެ ގޮތްތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް އިގުތިސާދީ ކަންތައް ރަނގަޅު ވަމުންދާ ތަނާއި ޚަރަދުތައް ކުޑަކުރާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ. އަދި ކަންބޮޑުވާން ޖެހޭ އަނެއް ކަމަކީ މިހާރު އާމްދަނީ ދަށްވެފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީވަނީ މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 18.8 ޕަސެންޓް ދަށްވެފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވަނީ ސިނގިރޭޓުގެ އިމްޕޯޓް ބޮޑުކުރުމުގެ ކުރިން ގިނަ އަދަދަކަށް އެތެރެކުރި ސިނގިރޭޓުގެ ސްޓޮކް އަދިވެސް ހުސްނުވާ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް
އޭގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފެނިފައިވަނީ އިމްޕޯޓް ޑިއުޓީގެ އާމްދަނީ ކަމަށްވާއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު އެ އާމްދަނީ ވަނީ 64 ޕަސެންޓް ދަށްވެފައެވެ. އެއީ 385 މިލިއަން ރުފިޔާއިން، 138 މިލިއަން ރުފިޔާއަށެވެ.
އެ ބަދަލަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ، އާމްދަނީ ދަށްވާ ސަބަބެއް ދައުލަތުން އާންމުންނަށް ބުނެ ނުދިން ނަމަވެސް، ހިސާބުތަކަށް ބަލާއިރު، އޭގެ ސަބަބު އެނގެން އޮތް ކަމަށެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ސިނގިރޭޓުން ކަމަށާއި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރު ސިނގިރޭޓުގެ ޑިއުޓީ ކުޑަކޮށް އޮތްއިރު ވަރަށް ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކޮށްފައި ޑިއުޓީ ދައްކާފައި އޮތުމުން، އެ ސިނގިރޭޓުގެ ސްޓޮކް ހުސްނުވާތީ އަދި ސިނގިރޭޓު އެތެރެނުކުރާތީ ސިނގިރޭޓުން ލިބޭ އާމްދަނީ ނުލިބޭތީ، އާމްދަނީ ދަށްވީކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންނަމަވެސް އެކަން އާންމުންނަށް އެނގޭ ގޮތަށް އަދި ބުނެދެވިފަކާއެއް ނެތް،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާމްދަނީ އިތުރު ކުއާޓަރެއްގައި ދަށްވެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިހާރު ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
އެހެންވެ، ފިނޭންސް މިނިސްޓްރީން އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އައްޔަންކޮށްފައިވާ ރިފޯމް ކޮމިޝަނަރު އަސްމާ ޝަފީއުއާ ބައްދަލުކޮށް، އެ އިސްލާހުތައް ތަންފީޒު ކުރުމުގެ ސުންގަޑިތައް ހޯދަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ރިފޯމް ކޮމިޝަނަރުގެ ބޮސްއަކަށް ވާނީ ފިނޭންސް މިނިސްްޓަރު އެހެންވީމަ އަބަދުވެސް ދައްކާ ވާހަކައެއް ކޮންމެ ރިފޯމަކަށް ވެސް ވަކި ސުންގަޑިއެއް ކަނޑައަޅަައި އެ ގަޑިއަށް އެކަން ތަންފީޒު ކުރަން ޖެހޭ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ރިފޯމް ކޮމިޝަނަރަކަށް އަސްމާ އައްޔަންކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހުގެ 17ގައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.
އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ވޭޕް ވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ވަނީ މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައެވެ. އެ ގަވައިދުގެ ދަށުން ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ފިލްޓަރާ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސްފޮއްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ.