އެންވިޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއާންގް އަނބުރާ ގެނައުމަށް ސިލިކަން ވެލީގެ އެކިއެކި ލެވެލްގެ ލީޑަރުންނާއި މަހުޖަނު އީލޮން މަސްކް އަދި ރައީސް ޓްރަމްޕް ތާއީދުކުރައްވައިފިއެވެ.
މުވައްޒަފުންނާ އެކު ބޭއްވި ނުރަސްމީ ގުޅުންތަކަކާއި، އޭގެ ތެރޭގައި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ މީހަކާ ގުޅުން އޮތް ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވުމުން އެންވިޑިއާގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ޖެންސެން ހުއާންގް އަލުން އެ މަގާމަށް ގެނައުމަށް ގޮވާލާ ޕެޓިޝަނެއްގައި 180،200 އަށް ވުރެ ގިނަ މީހުން މިހާރުވަނީ ސޮއި ވެސް ކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުއާންގް މަގާމުން އިސްތިއުފާ ދެއްވިތާ ހަތަރު ދުވަސް ފަހުން ފެށި "ސްޓޭންޑް ވިތު ޖެންސެން" ކެމްޕޭންގައި ސޮއިކުރެއްވި މަޝްހޫރު ބޭފުޅުންގެ ތެރޭގައި ސްޕޭސްއެކްސް އާއި ޓެސްލާގެ ސީއީއޯ އީލޮން މަސްކް، ރެޕްލިޓްގެ ސީއީއޯ އަމްޖަދު މަސާދު އަދި އެޕިކް ގޭމްސްގެ ސީއީއޯ ޓިމް ސްވީނީ ހިމެނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެންވިޑިއާގެ ސީއީއޯގެ މަގާމަށް ހުއާންގް އަނބުރާ ވަޑައިގަތުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެ، މި ހާދިސާއިން ހުއާންގްއަށް ބޮޑު ފިލާވަޅެއް ލިބިވަޑައިގެންފި ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ޕެޓިޝަންގައި ސޮއިކުރި މީހުންގެ ތެރޭގައި އެންވިޑިއާގައި މިހާރު ވަޒީފާ އަދާކުރާ 8،800 އަށް ވުރެ ގިނަ މުވައްޒަފުންނާއި 94،000 އަށް ވުރެ ގިނަ ހިއްސާދާރުން ހިމެނޭ ކަމަށް ކެމްޕޭން ވެބްސައިޓުން ދައްކާއިރު، މިނިވަން ތަހުގީގަކުން ހަގީގަތް ހާމަވަންދެން ހުއާންގް އަލުން މަގާމަށް ގެނައުމަށް އެ ކުންފުނީގެ ބޯޑަށް ވަނީ ގޮވާލާފައެވެ.
އެޓްރައިޑްސް މެނޭޖްމަންޓްގެ ގެވިން ބޭކާ އާއި އަލްޓިމީޓާ ކެޕިޓަލް މެނޭޖްމަންޓްގެ ސީއީއޯ ބްރެޑް ގާސްޓްނާ ވެސް ވަނީ ހުރިހާ ހަގީގަތެއް ސާފުވަންދެން ހުއާންގްގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަން ކުރުމަށް އަވަސްވެނުގަތުމަށް އެންވިޑިއާގެ ބޯޑަށް ހުޅުވާލެވިފައިވާ ސިޓީއެއް މެދުވެރިކޮށް އިލްތިމާސްކުރައްވާފައެވެ.
ފާއިތުވި ތިރީހަކަށް އަހަރުގެ ކުރިންފެށިގެން އެންވިޑިއާ އުފެއްދުމުގައި އިސްކޮށް ހުންނެވި ހުއާންގް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން އެ ކުންފުނީގެ ހިއްސާގެ އަގު 2.5 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ނިންމުމުގެ ސަބަބުން ދުނިޔޭގެ އާޓިފިޝަލް އިންޓެލިޖެންސް ސިނާއަތަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
ހުއާންގް އުފަންވި ޓައިވާންގައި ވެސް އޭނާއަށް އޮތް ތާއީދު ބޮޑުވެފައިވާއިރު، ޓައިވާންގެ އެންމެ އުސް އިމާރާތް ކަމަށްވާ "ޓައިޕޭ 101" ގައި ހޯމަ ދުވަހު ވަނީ "ޓައިވާން ލަވްސް ޖެންސެން" ގެ ނަމުގައި ލިޔުންކޮޅުތަކެއް ދިއްލާފައެވެ.
މި މައްސަލައިގައި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެފައި ވަނީ ހުއާންގް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން އެންވިޑިއާއަށް ބޮޑު ބަދަލެއް ބޭނުންވާ ކަމަށާއި، ކުންފުނީގެ އާ ސީއީއޯއަކަށް ބޭރުން ބޭފުޅަކު އައްޔަން ކުރަން ޖެހޭ ކަމަށެވެ.
މީގެ ކުރިން ވެސް މުވައްޒަފުންނާ ގުޅުން ބޭއްވުމުގެ ސަބަބުން މެކްޑޮނަލްޑްސްގެ ސީއީއޯ ސްޓީވް އީސްޓާބްރޫކް 2019 ވަނަ އަހަރު މަގާމުން ވަކިކޮށް، އިންޓެލްގެ ސީއީއޯ ބްރަޔަން ކްރަޒަނިޗް 2018 ވަނަ އަހަރު އިސްތިއުފާ ދެއްވާފައިވީ ނަމަވެސް، 2023 ވަނަ އަހަރު އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން މަގާމުން ވަކިކުރުމުން މުވައްޒަފުންނާއި އިންވެސްޓަރުންގެ ޕްރެޝަރާ ހެދި އޭނާ ވަނީ އަލުން މަގާމަށް އައްޔަންކޮށްފައެވެ.
ދުނިޔޭގެ އޭއައި ސިނާއަތުގެ މައި ތަނބުގެ ގޮތުގައި އޮތް އެންވިޑިއާގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އަންގާރަ ދުވަހު (މާދަމާ) މާކެޓް ބަންދުވުމަށް ފަހު އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.