ޚަރަދު ކުޑަ ނުކުރެވި، ފެންނަނީ އިގުތިސާދު ވެސް ގޯސްވާތަން: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: ޚަރަދު ކުޑަ ނުކުރެވި، ފެންނަނީ އިގުތިސާދު ވެސް ގޯސްވާތަން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މަޖިލީސް

މި ސަރުކާރުން އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކެއް ކަނޑައަޅައިފައި އޮތް ނަމަވެސް، ޚަރަދު ކުޑަނުކުރެވި، ފެންނަނީ އިގުތިސާދު ދަށަށް ދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ދިރާސާކޮށްފައިވަނީ، އޮޑިޓް އޮފީހުގައި މަސައްކަތް ކުރި މުވައްޒަފަކު ރިޓަޔާ ވުމުން އޭނާއަށް ލިބެން ޖެހޭ އެލަވަންސް ނުލިބޭތީ ހުށަހަޅައިފައިވާ ސިޓީީއެއްގެ މައްސަލައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ނާޒިމް ވިދާޅުވީ، ސަރުކާރުގެ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ ގޮތުގެ ތަފުސީލުތައް ކޮމިޓީން ހޯދަން ފެންނަ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން އިސްލާހީ ފިޔަވަޅުތަކަށް ޚާއްސަކޮށް، ބޮޑު މުސާރައެއް ލިބޭ ގޮތަށް ރިފޯމް ކޮމިޝަނަރެއް އައްޔަންކޮށްފައިވާއިރު، އެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާ ގުޅޭ ގޮތުން ކޮމިޓީން މައުލޫމާތު ސާފުކުރަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އިގުތިސާދީ ކަންތައް ރަނގަޅު ވަމުންދާތަނެއް އަދި ނުފެނޭ، ފެނިގެން ނުދާ ތަނުގައި އަދި ޚަރަދުތައް ކުޑަކުރެވޭތީކީ ވެސް ނުފެނޭ،" ނާޒިމް ވިދާޅުވިއެވެ.

އޭގެ މިސާލެއްގެ ގޮތުގައި ނާޒިމް ނެންގެވީ ދައުލަތުގެ ސިއްހީ ނިޒާމު، އާސަންދައިގެ ޚަރަދުތަކެވެ. އެގޮތުން މިދިޔަ އަހަރު އާސަންދައިގެ ޚަރަދު ތިން ބިލިއަން ރުފިޔާއަށް އެރި ކަމަށާއި އެއީ ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ 10 ޕަސެންޓާ ގާތްކުރާ އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/202174

ހަމައެއާއެކު، މި އަހަރު އާމްދަނީ ދަށްވަމުން ދިޔުމަކީ ވެސް ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެގޮތަށް ދަށްވާ ސަބަބު ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ލަފާކުރެއްވި ގޮތުގައި އާމްދަނީ ދަށްވި ސަބަބަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުމުން، ސިނގިރޭޓު އިމްޕޯޓް ކުރުން މަޑުޖެހިފައިވުމުންނެވެ.

ނާޒިމް ވިދާޅުވީ އާމްދަނީ އިތުރު ކުއާޓަރެއްގައި އަނެއްކާ ވެސް ދަށްވެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

"އެހެންނޫނީ ކޮންމެ އަހަރަކު ވެސް ފެށޭއިރު އެއް ވާހަކައެއް ނިމޭއިރު އެއް ވާހަކައެއް ދައްކަދައްކާ އަޅުގަނޑުމެން މި ތިބެނީ ވަށުބުރަކަށް އެނބުރި އެނބުރި އަޅުގަނޑުމެންގެ އެއްވެސް ކަމެއް އިސްލާހު ނުވެ." އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑަށް ފެނޭ މިކަން ކުރަން [އިސްލާހުތައް ތަންފީޒުކުރުމުގެ މައުލޫމާތު ހޯދަން] އެހެންނޫނީ އިގުތިސާދީ ގޮތުން ކިތަންމެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުގަނޑުމެން އަޅައިގެން ތިބި ނަމަވެސް، ޑޮލަރުގެ މައްސަލަ ހައްލުކުރަން ވެސް ފިޔަވަޅުތަކެއް އަޅައިގެން ތިބިކަމުގައި ވިޔަސް ޚަރަދު ކުޑަ ނުކުރާ ނަމަ ރަނގަޅުވާނެ ގޮތެއް އެއީ ހަމަ ނެތް ގޮތެއް."

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 3.77 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 4.64 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 18.8 ޕަސެންޓްގެ ދަށްވުމެކެވެ.

https://sun.mv/202609

އޭގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފެނިފައިވަނީ އިމްޕޯޓް ޑިއުޓީން ކަމަށްވާއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު އިމްޕޯޓް ޑިއުޓީ އާމްދަނީ ވަނީ 64 ޕަސެންޓް ދަށްވެފައެވެ.

މި ސަރުކާރުން އާސަންދަ އިސްލާހުކުރުން ފަދަ ޚަރަދު ކުޑަކުރުމުގެ ގިނަ އިސްލާހީ ފިޔަވަޅުތަކެއް އަޅަންނިންމައިފައިވާއިރު އެ ފިޔަވަޅުތަކުން މި އަހަރު ޖުމުލަ 11.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް